ކާކު ކަން ނޭގޭ ގޮތަށް އައިޑެންޓިފިކޭޝަން އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ތިން މީހަކު ހިފަހައްޓައިފި އެވެ.
އިމިގްރޭޝަން އިން ކޮށްފައިވާ ޓްވީޓްއެއްގައި ބުނެފައިވަނީ އޮޅުވާލައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެ އެތެރެވާން އުޅުނު 03 ބިދޭސީއަކު ވަނީ ހުއްޓުވާފައިވާ ކަމަށެވެ.
އެގޮތުން މި ތިން މީހުން ހުއްޓުވާފައިވަނީ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި އެވެ. އޭގެ ތެރެއިން އުމުރުން 25 އަހަރުގެ މީހާ ހިފަހައްޓާފައިވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ. އަދި އޮގަސްޓު މަހުގެ 16 ވަނަ ދުވަހު އުމުރުން 23 އަހަރުގެ ބިދޭސީއަކު ހިފެހެއްޓި އިރު އެމަހުގެ 18 ވަނަ ދުވަހު ވަނީ 21 އަހަރުގެ ބިދޭސީއަކު ހިފަހައްޓާފައި އެވެ.
ހިފެހެއްޓި ތިން މީހުންގެ ނަމާއި ގައުމު ހާމަކޮށްފައި ނުވި ނަމަވެސް އެމީހުންގެ ފޮޓޯ އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
މި އޮޕަރޭޝަނަކީ އިމިގްރޭޝަނުގެ ބޯޑާރ އިންޓެލިޖެންސް ޑިވިޝަނުން ހިންގި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގި އޮޕަރޭޝަނެކެވެ.
ޝަހުސު އޮޅުވާލައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެ އެތެރެވާން އުޅުނު 03 ބިދޭސީއަކު ވަނީ ހުއްޓުވާފައި.#maldivesimmigration#borderintelligence pic.twitter.com/yrsnZ5Vs2b
— Maldives Immigration (@ImmigrationMV) September 27, 2024