ރައީސް ޑރ. މުހައްމަދު މުއިިއްޒުގެ ކަންކަން ހުންނަ ގޮތުން ސަހަރޯ ހީފުޅުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވަނީ ވެރިކަމުގެ ހުވާކުރެއްވުމުގެ ކުރިން އަލްޖަޒީރާއަށް ރައީސް މުއިއްޒު ދެއްވި އިންޓަވިއުއެއްގައި ދެއްކެވި ވާހަކަފުޅާ އދ. ގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅާ ފުށުން އެރުންތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ޕީއެންއެފްގެ ޖަލްސާގައި ރައީސް މުއިއްޒު ދެފަހަރު ދެގޮތަށް ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ ޕްލޭކޮށްފައިވެއެވެ.
އެ ވީޑިއޯގައި އަލްޖަޒީރާއިން ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު އުފުލޭ ވާހަކައަކީ އެމަނިކުފާނު ގަބޫލުކުރައްވާ ވާހަކައެއް ނޫން ކަމަށެވެ. ނަމަވެސް އދ. ގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކުގެ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ބިރުއޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
މިކަމަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ވެރިކަމުގެ ހުވާކުރެއްވުމުގެ ކުރިން އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ދެއްކެވި ވާހަކަފުޅާ ދިމާ އިދިކޮޅަށް އދ. ގައި ރައީސް މުއިއްޒު ވާހަކަފުޅު ދެއްކެވުމުން "ސަހަރޯއޭ" ހިތްޕުޅަށް އަރާ ކަމަށެވެ.
އަލްޖަޒީރާއަށް އިންޓަވިއުދޭއިރު ކޮންސާނަކަށް ނުވޭ. ދެން މި ވިދާޅުވަނީ އައިސް ބަލައިލާށޭ. ބަލާއިރު އެއްވެސް މައްސަލައެއް ނުޖެހޭ ތަނެއް ކަމަށް ވަންޏާ ކީއްވެގެންތޯ އަޅުގަނޑުމެން މިއޮއް ހުރިހާ ތޮށިތައް ޖައްސައިގެން މިއުޅެނީ. ދެން އެ ވާހަކަ ދައްކާފަ 10 މަސް ފަހުން އދ. ގަ އެ ދެއްކެވީ އެއީ އެންމެ ބޮޑު މައްސަލަ ކަމަށް
މީގެ އިތުރުން ރައީސް ޔާމީން ވަނީ މަސްވެރިންނަށް ފައިސާ ނުދީ, ރައީސް މުއިއްޒު 10 މިލިއަން ރުފިޔާ ޚަރަދުކުރައްވާ އދ އަށް ވަޑައިގެންނެވުމުން ފާޑުވިދާޅުވެ ނުރުހުން އަމާޒުކުރައްވާފައެވެ. އަދި އދ.ގައި ރާއްޖޭގެ ހާލަތު ބިނާވެފައިވާ ގޮތް ބަޔާންކޮށްދެއްވިއިރު ސަރުކާރުގެ ވެރިންނަށް ރާއްޖޭގެ ހާލަތެއް ހަގީގަތުގައި ނޭނގޭކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް މުއިއްޒު އެކި ފަހަރު ދައްކަވާ ވާހަކަފުޅުތައް ދިމާނުވާކަން ރައީސް ޔާމީން ފާހަގަކުރެއްވިއިރު ރައީސް މުއިއްޒުގެ ބަހާ އަމަލާލ ދިމާނުވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.