އިންޑިޔާއިން އެގައުމުގެ އަސްކަރީ އުޅަނދުތަކެއް ގެންނަނީ ސިފައިންނާއެކު ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތުހުމަތުކުރައްވައިފި އެވެ.
އިންޑިޔާއަށް ރައީސް މުއިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ އަސްކަރީ އުޅަނދުތަކެއް ގެންނަން އެއްބަސްވުމުން އެ ވާހަކައަށް އިޝާރާތްކުރައްވާ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު އެގޮތައް ނިންމެވުން ޑިފެންސް މިނިސްޓަރަށް ވެސް އަދި ފޮރިން މިނިސްޓަރަށް ވެސް އެއްޗެއް ނުބުނެވުނުކަމަށެވެ.
ކޮޅުކޮޅުން ސުވާލުތައް އަމާޒުވާން ފެށުމުން އެ ބޭފުޅުން ވެސް ވިދާޅުވީ ރައީސް މުއިއްޒާ ހަވާލާދީ ކަމުން ދޭހަވަނީ އޭގައި އެ ބޭފުޅުންގެ އެއްވެސް ބަހެއް ނެތްކަން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ފާޑުވިދާޅުވެފައެވެ.
އެމީހުންނަކަށް ވެސް ގަބޫލެއް ނުކުރެވޭ. އެމީހުން ވެސް ހަވާލާދެނީ މުއިއްޒަށް. ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫއު އަރާ އެއްވެސް ކަމެއް ތިމަންނާ ނުކުރައްވަމޭ. އެކަމަކު ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވާއިރު ނޫނީ ފޮރިން މިނިސްޓަރު މިހެން ވިދާޅުވާއިރު ކީއްވެގެންތޯ ރައީސަށް އެ ހަވާލާދެނީ؟
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ވަޒީރުން ރާއްޖޭގެ މިނިވަންކަމަށާއި އިސްތިގްލާލަށް ބުރޫއު ނާރާނެ ކަމަށް ރައީސް މުއިއްޒަށް ހަވާލާ ދިނުމުގެ ބަދަލުގައި އެފަދައިން ވިދާޅުވާން ޖެހޭނީ އަމިއްލަފުޅައްކަމަށެވެ.
އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި ކަންކަން ވަނީ އޮޅުވާލާފައިކަމަށާއި އެކަންކުރައްވާފައި ވަނީ ސަރުކާރުން ފައިސާ ދޭ ނޫސްތަކުގެ ނޫސްވެރިންނާ ސަރުކާރުގެ އަޅުން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.