
އެހެން މީހުން ދީން ބަދަލުކުރާ އުސޫލުން ރައީސް ޑރ.މުހައްމަދު މުއިއްޒު ބަދަލުކުރަނީ އެމަނިކުފާނު ރައްޔިތުންނަށް ވެފައިވާ ވައުދުތައްކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު މިހާރު އެހުންނެވީ ރަނގަޅަށް އޮރިޔާން ކަޝްފުވެފައިކަމަށެވެ. ބައެއް މީހުން ދީން ބަދަލު ކުރާހެން، ރައީސް މުއިއްޒުގެ ވަޢުދުތަކަކީ ބަދަލު ވާއެއްޗެއް ކަމަށް ވިދާޅުވެ ޑރ.ޖަމީލް ވަނީ ރައީސް މުއިއްޒަށް ފާޑުވިދާޅުވެފައެވެ.
މިހާރު ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ވިއްކި އެއްވެސް އެއްޗެއް ރައީސް މުއިއްޒުގެ އަތުގައި ނެތްކަމަށް ވެސް ޑރ ޖަމީލް ވަނީ ޕޯސްޓްގައި ފާހަގަކުރައްވާފައެވެ.
ޑރ ޖަމީލް އެފަދައިން އެ އިޝާރާތްކުރެއްވީ ދާދިިފަހުން ރައީސް މުއިއްޒު އިންޑިޔާއަށް ވަޑައިގެން އެގައުމުގައި ސަލާން ޖަހައިގެން އެހީ ހޯދުމަށްފަހު އެ ގައުމުގެ އަސްކަރީ އުޅަނދުތަކާއެކު ސިފައިން ގެންނަން އެއްބަސްވުމާއި ގުޅިގެންނެވެ.
ރައީސް މުއިއްޒު ވެރިކަމުގެ ދަހިވެތިކަމުގައި، 9 ވަނަ ޙަސަން ރަސްގެފާނެކޭ ތަފާތެއް ނެތްކަމަށާއި އެމަނިކުފާނަކީ މިހާރު ޣައްދާރެއްކަމަށް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.










