ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރާނެކަމަށް ވިދާޅުވިތާ އެއް އަހަރުވާން ކައިރިވި އިރު އެ މައްސަލަ އަދިވެސް އޮތީ ރައްޔިތުންގެ މަޖިލީހުގައި ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ފްރޮންޓް އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ ކުރިޔަށްދިޔަ ޖަލްސާގައެވެ.
މިފަހަކަށް އައިސް ޕީއެންއެފްގެ ފަރާތުން އެ ޕާޓީގެ އޮފީހުގައި ބާއްވަމުން އަންނަ ޖަލްސާތަކުގައި ރައީސް ޔާމީން އަންނަނީ މި ސަރުކާރުން ސަހްޔޫނީންގެ ޕާސްޕޯޓް މަނާނުކޮށް އެކަން ލަސްކުރަމުންގެންދާތީ ނުރުހުންފާޅުކުރަމުންނެވެ.
ބުރާސްފަތި ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ސަހްޔޫނީންގެ ޕާސްޕޯޓު މަނާ ކުރުމަކީ ޓޫރިޒަމަށް ގެއްލުންވެދާނެތީ ނުކޮށް ތިބޭވަރު ކަމެއް ނޫން ކަމަށާއި އެ ގައުމުން ރާއްޖެއަށް އަންނަނީ މަދު ފަތުރުވެރިންތަކެއް ކަމަށެވެ.
ޕާސްޕޯޓު މަނާ ކުރަން ބުނިތާ އަހަރު ވާން ކައިރިވެފައިވާއިރު އެކަމުގައި މިހާރު އެކި ފަރާތްތަކުން ދައްކަވާ ވާހަކަ ބަދަލުވެފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ފޮނުވާލައިފައި އެ އޮންނަނީ މަޖިލީހުގައި، އެކަމެއް ނިންމާކަށް ނޫޅޭ، ދެން ހަމަ، ދިދަޔާ ދިމާލަށް ބަލާފައި ފަލަސްތީނުގެ ކެފިޔާ އަޅާފައި، ފަލަސްތީނު މީހުން ރޯތީވެ، އެއަށްވުރެ ބޮޑަށް ރޮއެފައި އުޅުން، މިއަކުންނެއް އެމީހުންގެ ހިތުގެ ޝުއޫރެއް އަޅުގަނޑުމެންނަކަށް ނުފެނޭ އިނގޭތޯ
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރާއްޖޭގައި ތިބި ދީނީ އިލްމުވެރިންގެ ފަރާތުން ވެސް މިހާރު އިވެނީ އެކަން ކޮށްފި ނަމަ ވާނެ ގެއްލުމުގެ ވާހަކަ ކަމަށެވެ.
ދީނީ އިލްމުވެރިންނަށް ފާޑުކިޔުން އަމާޒުކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ އިސްވެރިން ވެސް ފަލަސްތީނުގެ ހައްގުގައިކަމަށް ވިދާޅުވެ މުޅީން ވެސް އުޅެނީ ދެއްކުންތެރިކަމަށް ކަމަށެވެ.