ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެވޭނެއޭ ކިޔާ އާދޭސްކޮށްގެން ވޯޓު ހޯދައިގެން އައިސްފިކަމަށްވަންޏާ އެ ސިޠާސީ މީހަކު އަޅާ ކޮންމެ ފިޔަވަޅަކަށް ރައްޔިތުން ފާރަވެރިވާނެ ކަމަށް ރައިސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފް އޮފީހުގައި އޮތް ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުންނެވެ.
އެރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ނޫސްވެރިންނާ މެދު ފިޔަވަޅު ނޭޅިގެން ރުޅިގަދަވެ ބޮޑާ ހާކާތީ އެކަމަށް ނަޒަރު ހިންގަވާލައްވާފައެވެ.
އެގޮތުން ރައީސް އޮފީހުން، ވަކި ވަކި ނޫސްވެރިންނަށް ނުވަތަ ވަކި ވަކި ނޫސްތަކަށް ފިޔަވަޅު ނާޅައިގެން މީޑިއާ ކައުންސިލްއާ ބްރޮޑްކޮމްގެ ޝަކުވާ މަޖިލީހުގެ ކޮމިޓީއަށް ސިޓީއަކުން ހުށަހަޅާ އެކަން ބަަލއިދިނުމަށް އެދިފައިވަތީ ރައީސް ޔާމީން ވިދާޅުވީ، މީޑިޔާތަކަށް ފިޔަވަޅު ނޭޅިގެން ބޮޑާހޭކި ރައީސެއް، ރައީސް މުއިއްޒު ނޫނީ ފެނިފައި ނުވާކަމަށެވެ.
އެގޮތުން ރާއްޖޭގެ ޑިމޮކްރެސީ ކޮބައިކަމާ މެދު ސުވާލު އުފައްދަވާ ރައީސް ޔާމީން ވިދާޅުވީ، މީގެ ކުރިން އެއްވެސް ރައީސަކު މީޑިޔާއާ ޖައްސާނުލާ ވަރަށް ރައީސް މުއިއްޒުގެ ސަރުކާރުން ޖައްސާލައިގެން އުޅޭއިރު ހަނދާނަށް ގެންނަން ޖެހޭ ކަމަކީ ސިޔާސީ މަގާމުތަކުގައި ރައްޔިތުންގެ އަތުން ފައިސާ ނަގައިގެން ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެވޭނެއޭ ކިޔައިގެން އާދޭސްކޮށްގެން ވޯޓު ހޯދައިގެން އައިސްފިކަމަށްވަންޏާ އެ ސިޔާސީވެރިއަކު އަޅާ ކޮންމެ ފިޔަވަޅަކަށް ރައްޔިތުން ބަސްބުނާނެ ކަމެވެ.
ރައީސް މައުމޫނު ވެސް ރައީސް ނަޝީދުވެސް ރައީސް ވަހިދުވެސް ރައީސް ސޯލިހުވެސް އަދި އަޅުގަޑެއްވެސް ނޫޅެން މީޑިޔާތަކާ ޖައްސާލާ އެ މީހުންނަށް ފިޔަވަޅު ނޭޅިގެން. އެއްޗެއް މާގަދައަށް އުގުޅައިގެން އޮފް އެރުވުމަށް ވުރެ އެންމެ ރަގަޅުވާނީ އޭގެ ޒާތުގައި އެއަށް އަރާ އޮފާއެކު އެ ވިދުން ދެއްތޯ. ގަދަކަމުން ޕޮލިޝްކުރަން އުޅެގެން އެއަރަން ޖެހޭ އޮފްކަން ނާރާނެ މީިހާރު މީޑިޔާއަށް މިވަނި ކިހިނެއްތޯ؟ ރައީސަކަށް ހުންނަ މީހަކު ބޮޑާހާކާފަ ކުރަން ކޮންކަހަލަ ކަމެއްތޯ އޭ އަޅުގަޑު ސުވާލުއުފެދެނީ. މީގެ ކުރިން އެއްވެް ރައީސަކު ކުރިކަމެއް ނޫނޭ. މި ނޫނިއްޔަކާ އަޅުގަޑަށް ފަހާގައެއް ނުކުރެވޭ، އެއްވެސް ރައީސަކު ބޮޑާހާފައި ތިމަންނަގެ އަގު ވައްޓާލަން އެކި އެކި ނޫސްތަކުގައި ޓީވީ ޗެނަލްތަކުން ދައްކާ ވާހަކައާ ދޭތެރޭ ފިޔަވަޅު ނާޅައިގެން ރައީސް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ކުރުވުމަށް ސިޓީ ފޮނުވަނީ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެ ފާޑުވިދާޅުވެފައި މިވަނީ ރެޖިސްޓާޑް އަދި އަން-ރެޖިސްޓާޑް ނޫސްތަކުން ލިިޔެފައި ހުރި ބައެއް ޚަބަރުތައް ނޮޓިފައިކޮށް އެއީ ރައީސް މުއިއްޒުގެ އަގުވައްޓާލަން ކުރާ ކަމެއް ގޮތުގައި ސިފަކޮށް ރައީސް އޮފީހުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ސިޓީ ފޮނުވާ ބްރޯޑްކޮމް އާ މީޑިޔާ ކައުންސިލް ޖަވާބުދާރީ ކުރުވުމަށް އެދިފައިވާ ދަނޑިވަޅެއްގައެވެ.