އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގައި ހަތިޔާރު އެޅި ބަޔަކު އަސްކަރީ ވެހިކަލަކަށް ހަމަލާދީ ދެ ސިފައިންނާ އެކު ހަތަރު މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ހުކުރު ދުވަހު އިންޑިއާގެ އަސްކަރިއްޔާއިން ވަނީ ކަޝްމީރާއި ޕާކިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ ގުލްމާގް ގެ ކައިރީގައި ބުރާސްފަތި ދުވަހުގެ ރޭ "ޓެރަރިސްޓުންނާ" ބަޑީގެ ހަމަލާތައް ބަދަލުކުރިކަން ކަށަވަރުކޮށްދީފަ އެވެ.
ބޮޓާ ޕަތްރީ ސަރަހައްދުގައި ދިން މި ހަމަލާގައި އަސްކަރިއްޔާގެ ދެ ޕޯޓަރުން ވެސް މަރުވެފައިވާ ކަމަށާއި ސިފައިންގެ ތިން މީހަކު ޒަހަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.
ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ މި ހާދިސާ ހިނގި ސަރަހައްދުގެ ޖަންގަލި ސްކޭން ކުރުމަށް ސަލާމަތީ ބާރުތަކުން ޑްރޯން އާއި ހެލިކޮޕްޓަރު ބޭނުންކުރަމުން އަންނަ ކަމަށެވެ.
1947 ވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން މިނިވަންވި ފަހުން އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި ކަޝްމީރު ދެބައިވެފައިވާއިރު، ދެ ގައުމުން ވެސް އެ ސަރަހައްދު މުޅިން ހިފަހައްޓަމުން އަންނައިރު، އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެތައް ހާސް ސިފައިންނާއި އާންމުންނާއި ހަނގުރާމަވެރިން ވަނީ މަރުވެފަ އެވެ.