

އުނބަށް ޖެހިފައިވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެކަނި ނޫން ކަމަށާއި މުޅި ސަރުކާރު ވެސް އޮތީ އުނބަށް ޖެހިފައި ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތެއް ވެރިކަން ކުރާ ޕާޓީއަށް ލިބިފައިވާއިރު، ނިމިދިޔަ ސަރުކާރުންވެސް ކަންކުރި ގޮތަށް މިހާރުވެސް އެއްވެސް ތަފާތެއްނެތި ކުރަމުން ދާތީ އެމަނިކުފާނު ވަނީ ފާޑުވިދާޅުވެފައެވެ.
މިގޮތުން، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ ކަންތައްތަކަށް މަގުފަހިކޮށް ހިތްވަރުދެމުންދާ ކަމަށް ތުހުމަތު ކުރައްވާ ވާހަކަދެއްކެވި މީހުން ވެރިކަމަށް އައިސް ދީން ހިމާޔަތް ކުރުމުގެ ނަމުގައި "ސަމޯއާ: އެގްރީމެންޓްގައި ސޮއިކޮށް ވަނީ އެމީހުންގެ އަސްލު ދީންވެރިކަން ދައްކާފައި ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
މިއާއެކު، ރައީސް ސޯލިހްގެ ވެރިކަމުގައި ޓެކްސް ބޮޑުކުރުމާއި އެކު އޭރުގެ އިދިކޮޅު މެންބަރުން ކަމަށްވާ މިހާރު ބާރަށު ދާއިރާގެ މެންބަރު އަލީ ޝުޖާއު ކަންބޮޑުވެ ފާޑު ވިދާޅުވިއިރު، މި ސަރުކާރުން ޓެކްސް ބޮޑު ކުރަން ނިންމެވުން އެކަން މިހާރު ރަނގަޅު ކަމަކަށް ވެއްޖެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ސޯލިހް ވެރިކަމުގައި ޓެކްސް ބޮޑުކޮށްގެން އެންމެ ވާހަކަ ދެއްކި މީހުން މި ބާރަށު މައިކް މެން މިއީ. މިހާރު ޓެކްސް ބޮޑު ކުރުން އެއީ އެމީހުންނަށް ބޮޑު ކަމެއް ނޫން. ރަނގަޅޅު ކަމެއް. އެހެންވެގެން އަޅުގަނޑު މިބުނަނީ މުއިއްޒު އެކަންޏެއް ނޫނޭ އުނބަށްޖެހުނީ. މުޅި ސަރުކާރުވެސް އޮތީ އުނބަށް ޖެހިފައި
މީގެ އިތުރުން، އެމްޑީޕީ ވެރިކަމުގައި ޑިމޮކްރަސީގެ ނަމުގައި ރައީސް ނަޝީދު އަދި ރައީސް ސޯލިހް ކުރައްވާފައިވާ ކަންތައްތަކަށް ޖަލްސާގައި އެމަނިކުފާނެ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އަދި އެ ކަންތައްތަކަށް އެންމެ ފާޑުކިޔާ ބަދަލަކަށް ރައްޔިތުން ހޮވާފައިވާ ވެރިކަމުގައި އެއް މަގަކުން އެ ބޭފުޅުން ހިނގަމުންދާތީ އެކަމާ ކަންބޮޑުވެ ރައީސް ޔާމީން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.