އެމަނިކުފާނާ ރައީސް މުހައްމަދު މުއިއްޒުގެ ތަފާތަކީ އެމަނިކުފާނަށް ކޮރަޕްޝަންގެ މައްސަލަަތައް ބަަލން ކެރިވަޑައިގެންނެވި ފަދައިން ރައީސް މުއިއްޒަށް ކޮރަޕްޝަންގެ މައްސަލަތައް ބަލަން ކެރިވަޑައިނުގަތުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުގައި ކޮރަޕްޝަން އިންތިހާއަށް އޮތް އެިރު އެމަނިކުފާނު އެ ވާހަކަފުޅުތައް ދައްކަވަން ފެއްޓެވުމުން އެމަނިކުފާނަށް ރައްދު ދެއްވާ މަޖިލިސް މެމްބަރުން އެކި އެކި ވާހަކަ ދައްކަވާ އެމަނިކުފާނުގެ ދައުރުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިނގިކަން ފާހަގަކުރައްވާ އެކި ގޮތް ގޮތަށް ވާހަކަ ފަތުރަމުން ގެންދާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެފަދަ ގޮތަކަށް ރައްދު ދެއްވި ނަމަވެސް ގައުމުގެ ހައްގުގައި ބަސްބުނުން ނުހުއްޓުވޭނެ ކަމަށާ އެމަނިކުފާނު ވާނީ އެމަނިކުފާނުގެ ޒައާމަތުގައި ހިނގި ކޮރަޕްޝަނާ ވައްކަމުގެ މައްސަލަތައް ބަލާފައި ކަމަށާ ނަމަވެސް ރައީސް މުއިއްޒުގެ ކިބައިގައި އެ ފަދަ ހިތްވަރެއް ވެސް ނެތް ކަމަށެވެ.
މިއީ ތަފާތަކީ. އަޅުގަޑަށް ވާނީ އެމްއެމްޕީއާރުސީގެ މައްސަލަ ބަލާފައި އަޅުގަޑުގެ ޒައާމަތުގައި.
ރައީސް ޔާމީން ވިދާޅުވީ، ޕީއެންސީ ޖަގަހައިގައި އަޑަށް ބާރުލައްވާ ރައީސް މުއިއްޒު އެމްއެމްޕީއާރުސީގެ މައްސަލަ ބައްލަވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަން އެމަނިކުފާނަށް ނުބެލޭނެ ކަމަށާ އެއީ އަހުމަދު އަދީބު އަތުން މިހާރުވެސް ރައީސް މުއިއްޒު ފައިސާ ނަންގަވަމުން ގެންދާތީ އާ އަދި އެ މައްސަލައިގައި މަސްލަހަތު ހިމެނޭ އެތައް ބަޔަކު މިއަދު ތިބީ ރައީސް މުއިއްޒުގެ އެންމެ އަރިހުގައި ކަމަށްވުމުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން ވަނީ އޭސީސީ ފަދަ މިނިވަން މުއައްސަސާތަކަށް ވެރިން އައްޔަންކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނޫން ދިނުމަށް ކުރަމުން ގެންދާ މަސައްކަތާ މެދުވެސް ނުރުހުން ފާޅުކުރައްވާފައެވެ.