"ޔުނިފޯމު"ގައި ނެތިއްޔާ އިންޑިއާ މިލިޓަރީ ނެތީތޯ އައްސަވާ, ރައީސް އަބްދުﷲ ޔާމީން ރާއްޖޭގައި އުޅޭ އިންޑިއާ ސިފައިނާއި ގުޅޭ ގޮތުން ސަރުކާރުން ދައްކަވާ ވާހަކަތަކަށް ސުވާލެއް އަމާޒުކުރައްވައިފިއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ރައީސް ޔާމީން މިއަދު ވިދާޅުވީ ރާއްޖޭގެ ސަރުކާރުން، އިންޑިއާގެ އަސްކަރިއްޔާއާ ގުޅޭ ގޮތުން ހަދަމުން ދަނީ ދޮގު ކަމަށާއި ޔުނިފޯމް ނޫން އެހެން އެއްޗެއްގައި ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އިދިކޮޅު ލީޑަރެއްގެ ގޮތުގައި 2023 ގައި ޕީޕީއެމުން ރިިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޓިކެޓަށް ވުރެ ރައީސް ޔާމީނަށް މުހިއްމުވީ ގައުމު ސަލާމަތްކުރަން "އިންޑިއާ އައުޓް" ކެމްޕެން ފުޅާކުރެއްވުން ކަމަށް އެމަނިކުފާނު އަބަދުވެސް ދިޔައީ ވިދާޅުވަމުންނެވެ.
ސަރުކާރުން އެތައް އެއްބަސްވުންތަކެއް އިންޑިއާއާ އެކު ހަދާފައިވާކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެ އެއްބަސްވުންތައް ހިމާޔަތް ކުރަން ބޭނުންވާ ވަރަށް އަސްކަރިއްޔާ ރާއްޖޭގައި އެބަތިބި ކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ މިހާތަނަށް ވެސް އިންޑިއާއާ މެދު އެއްވެސް ހިތްހަމަނުޖެހުމެއް ނެތް ކަމަށާއި ހުރިހާ މައްސަލައަކީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ހަރަކާތްތެރިވުން އަންނާތީ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުން އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ފޮނުވާލަން ހެޔޮ ނިޔަތުގައި މަސައްކަތްތަކެއް ކުރެވުނީ އެމަނިކުފާނު ވެރިކަމުގައި ހުންނެވި ދުވަސްވަރެވެ. އެ ގޮތުން އިންޑިއާގެ އަސްކަރީ ހެލިކޮޕްޓަރު ރާއްޖެއިން ފޮނުވާލަން މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އެކަމާ ގުޅިގެން އިންޑިއާ ސަރުކާރާ ދެމެދު މަޝްވަރާތަކެއް ވެސް ކުރެވުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ފަދައިން އިންޑިއާގެ ސިފައިން ބޭރުކުރި ކަމަށް ބުނެ ސަރުކާރުން އަންނަނީ ބޮޑެތި ދޮގު ހައްދަވަމުން ނެވެ. އަދި ރައްޔިތުންގެ ލޮލަށް މިހާރުވެސް އުތުރުން ހަނިމާދޫން ދެކުނުން އައްޑޫ އިން އިންޑިއާ ސިފައިން ހަރަކާތް ތެރިވާތައް އަންނަނީ ފެންނަމުން ނެވެ.
އަދި އިންޑިއާ ސިފައިން ބޭރު ނުކުރާކަން މިފަހުން އިންޑިއާއަށް މުއިއްޒު ކުރެއްވި ދަތުރުން ސާފުވެގެން ހިގައްޖެ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުން ނެވެ.