މޯލްޑިވިއަން ޑިމޮކްރެޓިކު ޕާޓީ (އެމްޑީޕީ)އަކީ ރާއްޖެއަށް ހެޔޮ އެދޭ ބައެއް ނޫންކަމަށާ އަދި އެޕާޓީއާ އެކުގައި ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރްގްރާމަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީއަށް އެމަނިކުފާނު އިތުބާރު ނުކުރައްވާ ކަމަށާއި އެ ޕާޓީން މަސައްކަތް ކުރަނީ ރާއްޖެއަށް ހެޔޮ ގޮތް އެދިގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީން ބައެއް ކަންކަން ރަނގަޅަށް ކުރި ނަމަވެސް ރާއްޖެ އިންޑިއާގެ އަތް ދަށުވެ، ގައުމުގެ ހާލަތު ގޯހުން ގޯހަށް ދިޔައީ އެމްޑީޕީގެ ސަރުކާރުގެ ސަބަބުން ކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ އައިޑޮލޮޖީއާ އެމްޑީޕީގެ އައިޑޮލޮޖީ ވަރަށް ތަފާތު ކަމަށާ އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ އުސޫލުތަކެއް އެމްޑީޕީއިން ގެންގުޅޭ ކަމަށެވެ.
ނޫން. ތިއީކީ ވާނެ ކަމެއް ނޫން. ވާގޮތަކީ، އަޅުގަނޑުމެންގެ އައިޑޮލޮޖީއާ އެމްޑީޕީގެ އައިޑޮލޮޖީއާ ތަފާތު. އަޅުގަނޑަށް މި ކުރި ހުރިހާ ޖެއްސުމަކާ ހުރިހާ ގޯނާއެއް ކުރީ އެމްޑީޕީ ސަރުކާރުން ނޫންތޯ. އެހެންވީމަ ކީއްކުރަންތޯ އެމީހުންނާ އެކީ ކުރިއަށްދާންވީ. އަޅުގަނޑަކަށް އިތުބާރެއް ނުކުރެވޭ އެމީހުންނަކަށް، އެމްޑީޕީއަކަށް. އަނެއްކާ އަޅުގަނޑެއް އިތުބާރެއް ނެސަސަރިލީ އެމްޑީޕީ މަސައްކަތް ކުރަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ވެލްބީންގަށް ކަމަކަށްވެސް އަޅުގަނޑެއް ގަބޫލެއް ނުކުރަން.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެމްޑީޕީއާ އެކު ސިޔާސީ ވާހަކަތަކެއް ދެއްކިދާނެ ކަމަށާއި ނަމަވެސް އެމްޑީޕީއާ އެކު އެއްބަސްވުމެއް ހަދައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެރަދީ މިސަރުކާރު ވައްޓާލުމުގެ ހިޔާލެއް ނެތް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެމްޑީޕީއިން ވެސް ރަގަޅު ބައެއް ކަންކަން ކޮށްފައި އެބަހުރި ކަމަށާއި ނަމަވެސް އެ ޕާޓީއާ އެކު އެއްބަސްވުމަކަށް ނުދެވޭނެ ކަމަށް ތަކުރާރުކޮށް ޔާމީން ވިދާޅުވިއެވެ.