
އިދިކޮޅު އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ކަމަށްވާ އެ ޕާޓީގެ ޗެއަރޕާސަން އިންތިހާބުކުރުމަށް ބާއްވާ ވޯޓުލުން ފަށައިގެން ކުރިއަށްދާން ފަށައިފިއެވެ.
މިރޭގެ 8:30 ހާހަމައަށް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނެ އިރު، މި އިންތިހާބުގައި ވާދަ ކުރަނީ ކުރީގެ ރައީސް ނަޝީދުއާ ގަލޮޅު އުތުރު ދާއިރާ ތަމްސީލު ކުރައްވާ މެމްބަރު މީކާއިލް ނަސީމްގެ އިތުރުން އެމްޑީޕީ މެމްބަރު އިބްރާހިމު މުހައްމަދު (ވާޑު) އެވެ.
މިއަދު މެންދުރުފަހު 2:30 ގެ ވޯޓުލުން ފަށައިގެން ކުރިއަށްދާއިރު، އިންތިހާބުގައި ވާދަވެރި ކެމްޕެއިނެއް ފެނިގެން ދިޔައީ ރައީސް ނަޝީދުއާ އަދި މީކާއިލްގެ ފަރާތުންނެވެ. ބޮޑު ދެ ސްލޯގަންއާ އެކު ނުުމެ އެ ދެ ކެންޑިޑޭޓުންވެސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ފުޅާ ކެމްޕެއިނެއް ކޮށްފައެވެ.
އިންތިހާބުގެ ވޯޓުލުމުގެ ވަގުތަށް ބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން މި އިންތިހާބުގެ ވޯޓުލުން ކުރިން ތާވަލުކޮށްފައި އޮތީ މިއަދުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 ގެ ނިޔަލަށް ކުރިއަށް ގެންދާ ގޮތަށް ނަމަވެސް، އެ ޕާޓީއިން މިހާރު ވަނީ އިންތިހާބުގެ ވޯޓުލުމުގެ ވަގުތު ރޭގަނޑު 8:30ގެ ނިޔަލަށް އިތުރުކޮށްފައެވެ.
ވޯޓުލާ ވަގުތަށް އެފަދަ ބަދަލެއް ގެނައި ސަބަބެއް ނަމަވެސް އެ ޕާޓީން ހާމަކޮށްފައި ނުވެއެވެ.
އިންތިހާބުގެ ޓައިމްލައިންގައިވާ ގޮތުން ވޯޓުލުމުގެ ފުރުސަތު ލިބިގެންވަނީ މިއަހަރުގެ އެޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގެ ދަފްތަރުގައި މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މި އިންތިހާބުގެ ފޯރި ވަރަށް ގަދަވެފައިވާއިރު، ގިނަ އަދަދެއްގެ މެންބަރުން ވޯޓުލުމަށް ނުކުންނާނެ ކަމަށް ބެލެވެއެވެ.
މިއީ ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވާ ވަޑައިގެންނެވުމަށްފަހު އަލުން އެ ޕާޓީއާ ގުޅިވަޑައިގެން ޕާޓީގެ މަގާމަކަށް ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.










