އެމަނިކުފާނު ޖަލު ހުކުމުގައި ހުންނަވަނިކޮށް ޖަލުން ގެއަށް ބަދަލުކުރަން ރައީސް އިބްރާހިމު މުހައްމަދު ސޯލިހު އުޅުއްވުމުން އެކަމާ ދެކޮޅު ހެދީ އަބްދުއްރަހީމާ ރައީސް މުހައްމަދު މުއިއްޒު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޓިކެޓުގައި ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އޭރު އިއްވާފައި އޮތް 11 އަހަރުގެ ޖަލު ހުކުމްގެ ސަބަބުންނެވެ. އަދި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވެސް ރައީސް ޔާމީން މިނިވަންކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވެ.
އެހެން ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް ފަހު މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު ހުންނެވީ ރައީސް ޔާމީން މިނިވަން ކުރެއްވުމަށްވެ ވަޑައިގަތް ވައުދުގެ މަތީގައި ކަމަށާ، އެހެން ނަމަވެސް ސަރުކާރުން ޝަރީއަތަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.
އަދި ވިދާޅުވީ ގެއަށް ބަދަލުކުރުމާއި ޝަރީއަތަށް ދެން ވާނެ ގޮތް ނިންމާނީ ޖުޑިޝަރީން ކަމަށެވެ.
ކޮންމެ އަކަސް ސޯލިގެ ވެރިކަމުގެ ޓްރާންސިޝަން ޕީރިއަޑުގައި ރައީސް ޔާމީން ޖަލުގޮޅިން ގެ އަށް ބަދަލުކުރެވުނެވެ. އަދި އެކަން ކުރީ ސޯލިހް ނޫން ކަމަށާއި އެކަން ކުރަން "އަމުރު" ކުރީ މުއިއްޒު ކަމަށް އެދުވަސްކޮޅު ރަށުތެރޭ ދެއްކި އެވެ.
ނަމަވެސް ކަންހިގާ ދިޔަގޮތް ރައީސް ޔާމީން ވަނީ ރޭ ޕީއެންއެފް ޖަލްސާގައި ސާފުކޮށް ދެއްވާފައި އެވެ.
ރައީސް ޔާމީން ރޭ ވިދާޅުވީ އެމަނިކުފާނު ޖަލަށް ލާން ޖެހޭ ކަމަށް ބުނެ އެކަން އެމްޑީޕީން ކުރި ނަމަވެސް އެކަން ކަށަވަރުކުރީ "ބާރަށު މައިކު" އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަރިސް ބޭފުޅުން ކަމަށެވެ.
ވެރިކަން ބަދަލުވީމަ އަޅުގަނޑު ގެއަށް ގެންނަން އިބޫ މަސައްކަތް ކުރީމަ އެކަމާ ދެކޮޅު ހެދީ މުއިއްޒު އާއި އަބްދުއްރަހީމު
ރޭގެ ޖަލްސާގައި ރައީސް ޔާމީނު ވިދާޅުވީ، ބާރަށު ޝުޖާއު ފަދަ ބޭފުޅުން މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށާއި ނަމަވެސް ކަން ހިނގި ގޮތް ރައްޔިތުންނަށް ސާފުކޮށް އެނގޭ ކަމަށެވެ.
ރައީސް ޔާމީން އިއްޔެ ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކުރަން މަސައްކަތް ކުރެއްވުނީތީ ހިތާމަކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ރާއްޖޭޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ރައީސް ޔަމީން ވިދާޅުވީ ރައީސް ކަމަށް ޑރ. މުއިއްޒު ހޮވަން މަސައްކަތް ކުރެއްވުނީތީ މިއަދު އެމަނިކުފާނު ހިތާމަކުރައްވާ ކަމަށެވެ.
ރައީސް ޔަމީން ވިދާޅުވީ ރައްޔިތުން ގައުމުގެ ރައީސަކަށް މީހަކު ހޮވަނީ ވެރިކަމަށް އެ ބޭފުޅަކު ވަޑައިގެން ކޮށްދެއްވާނެ ކަމަށް ވިދާޅުވާ ވަރަށް ގިނަ ކަންތައްތަކެއް ގަބޫލުކޮށްގެން އަދި އެކަންކަން ކުރައްވާނެ ކަމުގެ ފޮނި އުއްމީދުގައި ކަމަށެވެ. އެކަމަކު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ރިޔާސީ ކެމްޕޭންގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދަމުން ނުދާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.