

ރާއްޖޭގެ ތައުލީމަށް ހިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ޝަރަފު ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޒާހިރު ހުސައިނަށް އަރުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރަައީސް އޮފީހުން ބުނީ، ޑރ. މުހައްމަދު ޒާހިރު ހުސައިނަށް މި ޝަރަފު އެރުވުމަށް ރައީސް ނިންމެވީ، ރާއްޖޭގެ ތައުލީމީ ތަރައްގީއަށާއި، ރާއްޖޭގައި ތައުލީމު ފުޅާކުރެއްވުމަށާއި، ތައުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރެއްވުމަށް އިހްލާސްތެރިކަމާއެކުގައި، ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ކަމަށެވެ.
ޒާހިރަށް މި ޝަރަފު އެރުވުން އޮންނާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާރޭ 8:15 ގައި ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.
އެ ޖަލްސާގައި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު 40 ބޭފުޅުންނަށް ދެއްވުން އޮންނާނެ އެވެ. އެ އިނާމަށް ބޭފުޅުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ.
އޭގެ އިތުރުން، ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ވެސް އެ ޖަލްސާގައި، 53 ބޭފުޅަކަށް ދޭނެ އެވެ. ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން ހޮވަނީ ވެސް ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.