ޓޫރިސްޓުން އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ނުނަގަން ނިންމައިފި / މިނިސްޓްރީ އޮފް ޓޫރިޒަމް
ވިޔަފާރި
ވަކި ބަޔަކަށް ޑިއުޓީ ނުދައްކައި ސިނގިރޭޓު އެތެރެކުރެވޭ ގޮތް ހަދައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
10 ނޮވެމްބަރު 2024
މާލެ ސިޓީ

ފަތުރުވެރިން އަމިއްލަ ބޭނުމަށް ޑިއުޓީ ނުދައްކައި 200 ސިނގިރޭޓު ރާއްޖެ އެތެރެކުރެވޭ ގޮތަށް ސަރުކާރުން ހަދައިފި އެވެ.

ކަސްޓަމްސް އިން ނެރެފައިވާ ސާކިއުލާ އެއްގައި ބުނެފައިވަނީ "ދުންފަތުގެ އުފެއްދުންތައް ބަންދުކުރުމާއި ލޭބަލްކުރުމާ ބެހޭ ގަވާއިދު" އަށް ގެނެވުނު 4 ވަނަ އިސްލާހާއި، "ދަތުރުވެރިން ގެންނަ މުދަލާއި، އަމިއްލަ ބޭނުމަށް ގެންނަ ތަކެއްޗާއި، ވިޔަފާރީގެ ސާމްޕަލްތަކަށް ޑިއުޓީ މައާފުކުރުމާބެހޭ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތިން، 9 ނޮވެމްބަރ 2024 އިން ފެށިގެން، ހަމައެކަނި ފަތުރުވެރިންގެ ވިސާގައި އަންނަ ފަރާތްތަކަށް އަމިއްލަ ބޭނުމަށް ކަނޑައަޅާފައިވާ މިންވަރަށް ދުންފަތުގެ އުފެއްދުންތައް އެތެރެކުރުމުގެ ހުއްދަ ދެވޭނެ ކަމަށެވެ.

އެގޮތުން އިއްޔެ އަމަލުކުރަން ފެށި އާ ގަވާއިދުގެ ދަށުން، ޓޫރިސްޓުން އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތަކަށް ޑިއުޓީ ނުނަގާ ގޮތަށް އެތެރެކުރެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން ޓޫރިސްޓުން އަމިއްލަ ބޭނުމަށް އެތެރެކުރާ 200 ސިގިރެޓް (އެއް ކާޓަން ސިގިރެޓް) ނުވަތަ 25 ސުއްޓާ ނުވަތަ 250 ގްރާމްް ދުންފަތުން ޑިއުޓީ ނުނަގާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

ކަސްޓަމްސް އިން ބުނެފައިވަނީ އެ މިންވަރަށްވުރެ އިތުރަށް ގެންނަ ތަކެތި ގިނަވެގެން 30 ދުވަހުގެ މުއްދަތަށް ކަސްޓަމްސް އިން ބަހައްޓާނެ ކަމަށެވެ. އަދި ފަތުރުވެރިންނަށް މި ތަކެތި ރާއްޖެއިން ފުރާއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ (ވީއައިއޭ) ޑިޕާޗާ ޓާމިނަލްގައި ހުންނަ ކަސްޓަމްސް ކައުންޓަރުން ނެގިދާނެ ކަމަށެވެ.

ސިނގިރޭޓާއި ވޭޕުން ނަގައި ޑިއުޓީ ދެގުނައަށް ބޮޑުކުރަން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 19 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

ސަރުކާރުން ނިންމަވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކޮށް، ޑިސެމްބަރު 15 އިން ފެށިގެން ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާ ކުރުމަށެވެ.

ވޭޕް މަނާ ކުރުމަށާއި ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތް ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައަޅަން ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ވެސް އޮތީ އިސްލާހު ހުށަހަޅައިފަ އެވެ.

އާއްމުކޮށް ސިނގިރޭޓް ފޮށްޓެއް މިހާރު ވިއްކަނީ 235ރ. އާއި 250ރ. އާ ދެމެދުގަ އަގެއްގަ އެވެ. ޑިއުޓީގެ ރޭޓުތަކަށް ގެންނަން ނިންމި ބޮޑު ބަދަލާ އެކު އެ އަގަށް 100 އެއްހާ ރުފިޔާ ވަނީ އިތުރުވެފަ އެވެ.

ރައްޔިތުން އަތުން އެކި ނަންނަމުގައި ޑިއުޓީ ނަގާތީ ސަރުކާރަށް އަންނަނީ ފާޑުކިޔުން އިތުރުވަމުން ނެވެ. އަދި ތަފާތު ގާނޫނުތައް ހަދާ އެގާނޫނު ތަކުން ވަކިބަޔަކު އިސްތިސްނާ ވާ ހާލަތު ސަރުކާރުން ގަވާއިދު އުފަން ކުރުމުން މަޖިލީހުގެ ބާރު ކެނޑޭކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved