ޅ. ނައިފަރު ކަރަންޓު މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެން ދާތީވެ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށް މައްސަލަ ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައިފިއެވެ.
ނައިފަރު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެރަށަކީ 6000 އިން މަތީގެ އާބާދީއެއް އޮންނަ ރަށެއް ކަމަށާއި، ރަށުގެ ކަރަންޓު ހިދުމަތަކީ ވޭތުވެދިޔަ ދިގު މާޒީއެއްގައިވެސް މައްސަލަ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް، މިއަދާ ހަމަޔަށްވެސް ހައްލެއް ލިބިފައިނުވާ ކަމެއް ކަމަށެވެ.
އެހެންކަމުން ރައްޔިތުން އަނދިރީގައި ތިބެންޖެހޭ ދުވަސްތައް މިހާރު އިތުރުވެފައިވާކަމަށާއި އަދި މިކަމުގެ ޝަކުވާތައް ގިނަވެ ހިދުމަތާމެދު ރައްޔިތުން މާޔޫސްވެފައިވާ ކަމަށްވެސް ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.
ނައިފަރުގައި ބޮޑު އާބާދީއެއް އޮތް އިރު، މިވަގުތު ކަރަންޓު ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ ވަސީލަތްތަކަކީ ރަށުގެ އާބާދީއަށް އެކަށިގެންވާ މިންވަރަށް ހިދުމަތް ދެވޭ ވަރުގެ ވަސީލަތްތަކަކަށް ނުވާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެހެންކަމުން ޖަނަރޭޓަރުތަކަށް މައްސަލައެއް ދިމާވެއްޖެ ނަމަ މުޅި ރަށުން ކަރަންޓު ކެނޑިގެންދާ ދިޔުން އާންމު ކަމަކަށް ވެފައިވާ ކަމަށާއި މި މައްސަލަ އަށް ދޭ ވަގުތީ ހައްލު ދާއިމީ ހައްލަކަށް ބަދަލުވެފައިވާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
ނައިފަރަށް މިހާރު ދިމާވެފައިވާ ކަރަންޓު މައްސަލައަށް ވަގުތީ ހައްލެއް ލިބިފައިވާއިރު ދާއިމީ ހައްލެއް ލިބޭނެ ދުވަހެއް ނޭނގޭ ކަމަށް ކަރަންޓު ފޯރުކޮށްދެމުންދާ ކުންފުނިން ބުނެފައިވާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
އަދި އެ ކުންފުނިން މިކަމަށް ހައްލު ހޯދުމަށް މާބޮޑު މަސައްކަތްތަކެއް ކުރަމުންދާ ތަނެއްވެސް ނުފެންނަ ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އެހެން ކަމުން ނައިފަރަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކޮށްދިނުމަށް އެ ރަށު ކައުންސިލުން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.