ރައްޔިތުންގެ މަޖިލީހުން ބޭނުންވެއްޖެ ހާލަތެއްގައި އެންމެ މަތީ ވެރިމީހާ - ރައީސުލްޖުމްހޫރިއްޔާ ވަކިކުރުމުގެ ފުރުސަތު އޮންނަ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ނުސީދާ އިންޒާރެއް ދެއްވައިފިއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރެވޭނެ ގޮތް ގާނޫނުއަސާސީން ފަހިކޮށްދީފައިވާއިރު ރައްޔިތުން އިންތިހާބުކުރާ މެންބަރުން މަގާމުން ވަކިކުރެވޭނެ ފުރުސަތު ނެތުމަކީ ޒަމާނަށް ފައިހަމަކުރާ އުސޫލެއް ނޫން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ގާނޫނުތަކާއި ސިޔާސަތުތައް އެކުލަވާލުމުގައި ޒަމާނަށް އަންނަ ބަދަލުތަކަށް ރިއާޔަތް ކުރަންޖެހޭ ކަމަށެވެ.
އެންމެ މަތީ ވެރިޔާ ބަދަލުކުރުމުގެ ފުރުސަތު އޮވޭ. އޭގެ ދަށަށް އިންތިހާބުކުރާ މީހުން ވަކިކުރެވޭނެ ފުރުސަތު ނެތުމަކީ މި ޒަމާނަށް ފެތޭ ކަމެއް ނޫން،
އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުން ނުރުހިއްޖެ ހާލަތެއްގައި ނުވަތަ ރައްޔިތުންގެ ވިންދާ ދެކޮޅަށް މަސައްކަތް ކުރާ ހާލަތެއްގައި ރައްޔިތުންނަށް ނުވަތަ އެހެން ބަޔަކަށް ވެސް އެ މީހަކު މަގާމުން ވަކިކުރެވޭނެ ގޮތް އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު މ. މުރައިދޫގެގެ މުވައްޒަފުންގެ މައުލޫމާތު ސިއްރުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމި ނިންމުން ބަދަލުކުރަން ރައީސް ޑރ. މުހައްމަދު ރައީސް މުއިއްޒު މިފަހުން ވަނީ އަމުރު ކުރައްވާފަ އެވެ. މި މައްސަލައިގައި އަބްދުއްރަހީމް އާއި މުއިއްޒުގެ މެދުގައި ވަނީ "ކުނި" ޖެހި ފައެވެ.
ގާނޫނުއަސާސީގެ 100 ވަނަ މާއްދާ
އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވިދާނެ އެވެ.
1. އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނުއަސާސީ އާ ނުވަތަ ގާނޫނަކާ ކަނޑައެޅިގެން ހިލާފުވުން.
2. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ފަދަ ކަމެއް ކުރުން.
3. ރައީސުލްޖުމްހޫރިއްޔާގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލުވުން.
ހިމެނެއެވެ.