ސަހްޔޫނީންގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ކުރިއަށް ނުގެންދާތީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
އެމްޑީޕީގެ ފަރާތުން މި ގަރާރު މިއަދު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ.
ކުޑޫ ހުށަހެޅުއްވި އެ ގަރާރުގައި، ބިލު ހުށަހެޅި ދުވަހު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވެސް ސަހްޔޫނީންގެ މީހުން ރާއްޖެ އެތެރެވުން މަނާ ކުރުމަށްޓަކައި ގާނޫނު އިސްލާހު ކުރުމަށް ނިންމާފައިވާކަން ސަރުކާރުން އިއުލާން ކޮށްފައިވާ ކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެކަމަށް އަމަލީ ސިފައެއް ގެންނަން ސަރުކާރުން އެއްވެސް މަސައްކަތެއްކޮށްފައެއް ނުވާ ކަމަށާ، ބިލުގެ މަސައްކަތް ކުރިއަށް ނުގޮސް ކޮމެޓީގައި އޮންނަތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަން ކުޑޫ ފާހަގަކުރައްވާފައިވެއެވެ.
މިއާއެކު އެ ގަރާރުގައި، ސަރުކާރުގެ އަޣްލަބިއްޔަތު ހިނގަމުން މިދާ މަޖިލީހަށް ލިބިފައިވާ ކަމަށާ، އަދި ސަރުކާރުން އެ ހިނދަކަށް ބޭނުންވާ ކަމެއް ބޭނުންވާ ގޮތަށް މަޖިލީހުގެ ތެރެއިން ނިންމަމުން ގެންދާ ކަން ވެސް ފާހަގަކޮށްފައިވެއެވެ.
އެގޮތުން ދައުރުން ބޭރުން ޖަލްސާތައް ބާއްވައިގެން ވެސް ބައެއް ބިލުތައް ފާސްކޮށްފައިވާކަން ފާހަގަކުރައްވާފައިވެއެވެ.
"މުޅި އިސްލާމީ އުއްމަތަށް އިސްރާއީލުން ޖައްސަމުން މިދާ ގިލަންވެރިކަމާއި އާފާތް ކުށްވެރިކޮށް އަޅުގަނޑުމެން އެކަމާއި ކަނޑައެޅިގެން ދެކޮޅުވެރިކަން ހާމަކޮށްދިނުމަށްޓައި ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުން އިޒްރޭލު ޕާސްޕޯޓް މިހާރުން މިހާރަށް މަނާކުރުމަށްޓަކައި ގާނޫނު ނަމްބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު)އަށް އިސްލާހު ގެނައުމަށް ހުށަހަޅައިފައިވާ ބިލު އަވަހަށް ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވައިލުމަށްޓަކައި މި ގަރާރު ހުށަހެޅީމެވެ.
ހައްދުފަހަނައަޅާފައިވާ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޤަތުލު ޢާއްމާ ގުޅިގެން އިޒްރޭލު ޕާސްޕޯޓް މަނާކުރުމަށް ގޮވާލާ އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ބިލު ހުށަހެޅުއްވީ މީގެ ފަސް މަސް ކުރިން ޖޫން މަހު 10ގައެވެ.
މި މައްސަލަ ކޮމިޓީ މަރުހަލާގައި ހުއްޓިފައި އޮތުމާ ގުޅިގެން އެކި ފަހަރުމަތިން އިދިކޮޅު މެންބަރުން ވަނީ، އެ ބިލުގެ މަސައްކަތް އަވަސްކުރުމަށް ގޮވާލައި، ކުއްލި މައްސަލަތައް ވެސް މަޖިލީހަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް ސަރުކާރުގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ދިޔައީ އެ މައްސަލަތައް ބޭރުކުރަމުންނެވެ.
މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރުމާ ބެހޭ މައްސަލަ އެޖެންޑާކޮށްފައިވާއިރު، އެ ޕާސްޕޯޓް މަނާކުރުން އަވަސްނުކޮށް ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ސަރުކާރުން ބޭނުންވާ ބިލުތައް އެއް ދުވަސްތެރޭވެސް ނިންމާ ފާސްކޮށްފައެވެ.
ޕާސްޕޯޓު މަނާކުރުމުގެ ބިލު ކޮމިޓީ މަރުހަލާގައި ތާށިކޮށްފައި އޮންނަތާ މިއަދަށް މިއީ 155ވަނަ ދުވަހެވެ. މިއަދު ބޭއްވި 241 ކޮމިޓޫގައި ވަނީ ސަހްޔޫނީންގެ ޕާސްޕޯޓު މައްސަލަ ނިންމުން އަންނަ އަހަރަށް ފަސްކުރަން ފާސްކޮށްފައެވެ.