އެމްޑީޕީގެ ޖަލްސާގެ ތެރެއިން / އެމްޑީޕީ
ސިޔާސީ
ސަރުކާރުން އުޅެނީ ބާރުތައް ޖަމާކޮށް، ކުރިއަށް ހުރި އިންތިހާބުތައް ފޭރިގަންނަން: އެމްޑީޕީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
13 ނޮވެމްބަރު 2024
މާލެ ސިޓީ

މި ސަރުކާރުން މަސައްކަތް ކުރަނީ މިނިވަން މުއައްސަސާތަކަށް ބަދަލު ގެނެސްގެން، ބާރުތައް ޖަމާކޮށް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު "ފޭރިގަންނަން" ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އން ރޭ ބޭއްވި ޖަލްސާގައި ވާހަކަދެއްކެވި ބޭފުޅުން ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އާޓިފިޝަލް ބީޗުގައި "ފުދިއްޖެ ފުނޑިއްޖެ'" ނަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިއަދު ފެންނަނީ ޖުމްހޫރީ ވެރިކަން އަނެއްކާވެސް ބިރުވެރި ހުދުމުހުތާރު ވެރިކަމަކަށް ބަދަލުވުމުގެ ސިފަ ކަމަށެވެ. ދިވެހިން ދެން ވިރާސީ ވެރިކަމަކަށް ނުދާނެ ކަމަށާއި އަނިޔާވެރި ޑިކްޓޭޓަރަކަށް ރުހުން ދީގެނެއް ވެސް ނުތިބޭނެ ކަމަށް ވިދާޅުވިއެވެ.

މިއަދު މި ފެންނަނީ އެ ބިރުވެރިކަމުގެ ތެރެއަށް، ހުދުމުހުތާރު ވެރިކަމަކަށް އަނެއްކާވެސް ރާއްޖެ ފުރޮޅެމުންދާ މަންޒަރު. ގާނޫނުއަސާސީގައި އޮތީ ކޯއްޗެއްތޯ ބެލުމެއް ނެތް. ގާނޫނުތަކުގައި ލިޔެފައި އޮތީ ކޮން ވާހަކައެއްތޯ ބަލާކަަށް ބޭނުމެއް ނުވޭ. ފެނިވަޑައިގަތް ގޮތަކަށް ކަންކަން ކުރައްވަމުން ގެންދަވަނީ،

- ރައީސް ސޯލިހު

ރައީސް ސޯލިހް ވިދާޅުވީ މިސަރުކާރުން ވީވައުދުތައް ފުއްދުމުގެ ބަދަލުގައި ފެންނަނީ ވިޔަފާރިވެރިން ފުނޑާލައި ރައްޔިތުންގެ އުއްމީދުތައް ގެއްލުވާލައި ބިކަކުރާ މަންޒަރު ކަމަށެވެ.

ހަގީގަތުގައިވެސް ހިންގަން ނޭގުނީ. ކަންކަން ކުރަން ނޭނގެނީ،

- އެމްޑީޕީގެ ވެރިކަން ނިމުނު ފަހުން އެ ޕާޓީން ބޭއްވި އާންމު ފުރަތަމަ ބޮޑު އެއްވުމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

މި ޖަލްސާގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ހަރަދު ކުޑަ ކުރުމުގެ ނަމުގައި ޕްރިފެރެންޝަލް ވޯޓު ނަގަން އުޅެނީ 2008 ގެ ކުރީގައި އޮތް ގޮތަށް ވޯޓު ގުނުމުގެ ނަމުގައި މާލެއަށް ވޯޓުފޮށިތައް ގެނެސް ވޯޓު ފޮށީގައި ބަނޑު އެޅުމަށް ކަމަށެވެ.

ރާއްޖޭގައި ވޯޓު ގުނަން ޖެހޭނީ މިހާރު ވެސް އެކަން ކުރާ ގޮތަށް ކަމަށާއި ވޯޓުގެ ނަތީޖާ ނެރެން ޖެހޭނީ ވޯޓުލާ މިހާގެ ކުރިމަތީގައި ކަމަށް ޝާހިދު ވިދާޅުވި އެވެ.

އޭގެއިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ މި ގައުމު ރަސްކަމަކަށް ބަދަލުކޮށްލަންކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ރާއްޖޭގައި ވޯޓު ގުނާ ގޮތް އެހެން ގޮތަކަށް ބަދަލުކޮށްފިނަމަ ގައުމު ރަސްކަމަކަށް ބަދަލުކޮށް ލިބިފައި އޮތް ހުރިހާ ހައްގެއް ނިގުޅައިގަންނާނެ ކަމަށެވެ.

ރާއްޖޭގެ ޖުމްހޫރީ ދުވަސް ފާހަގަކުރި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ޕްރިފެރެންޝަލް ވޯޓު ނަގާ ވާހަކަ ދެއްކުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

އެގޮތުން ޝާހިދު ވިދާޅުވީ މިހާރުން ފެށިގެން އަޒުމު ވަރުގަދަ ކުރަންވީ މި ސަރުކާރު ބަލިކޮށްލައި، ސަރުކާރަށް ޖާގައެއް ނުދިނުމަށް ކަމަށާއި އެމްޑީޕީ އޮތީ އެ އަޒުމުގައި ކަމަށެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved