ދެ ގޯހަކުން ރަގަޅެއް ނުނިކުންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މަޖިލިސް ހިނގަމުން ދާ ގޮތަށް ނަޒަރު ހިންގަވާލައްވާ, ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ގައުމުގައި ތަރައްގީއަށް ފަށާފައި ހުރި ޕްރޮޖެކްޓުތައް ހުއްޓުވާ އެކަންކަމުގެ ތެރެއަށް ކޮރަޕްޝަން ވައްދާ ވަކި މެމްބަރެއްގެ ދާއިރާއެއް ޚިޔާރުކޮށް ސަރުކާރުން ގެންދަނީ ރައްޔިތުންނަށް އޮޅުވާލާ ހަރާންޖޯރުވަމުންނެވެ.
ނަމަވެސް މަޖިލީހުން އެކަންކަމުގައި ސަރުކާރު ޒިންމާދާރު ކުރުވުމުގައި ނުކުޅެދިފައި ކަމަށާ އެހެން އެކަން ވެފައިވަނީ ދެ ބާރު އެއްވުމުން ކަމަށެވެ.
މި ސަރުކާރަކީ ނިމިދިޔަ ސަރުކާރުގައި ވެސް މަޖިލީހުގެ ސުޕަރ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ވެރިކަމުގެ ނިޒާމުން ގާނޫނު ހެދުމުގެ ބާރު ކޮންޓްރޯލު ކުރަމުންދިޔަކަމށް ބުނި ބައެއް ކަމަށާ ނަމަވެސް މިއަދު ފެންނަނީ އެކަން މިސަރުކާރުން ވެސް ތަކުރާރުކުރާ މަންޒަރު ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ހެދި ގޯސް ރަގަޅުކުރަން އައިސް މިސަރުކާރުން ގެންދަނީ އެ ގޯސް ހަދަމުން. ދެ ގޯހަކުން ރަގަޅެއް ނުނިކުންނާނެ.
ރައީސް ޔާމީންވަނީ ބަޖެޓު ހުށަހެޅުމުގައި ވެސް މި ސަރުކާރުން އަމަލުކުރި ގޮތާ މެދުވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.