ރައީސް ޔާމީން ގެއަށް ބަދަލުކުރަން މުއިއްޒު އެދިވަޑައެއް ނުގަންނަވާ: ސާލިހް / ރައީސް އޮފިސް
ހަބަރު, ސިޔާސީ
ރައީސް ޔާމީން ގެއަށް ބަދަލުކުރަން މުއިއްޒު އެދިވަޑައެއް ނުގަންނަވާ: ސާލިހް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
17 ނޮވެމްބަރު 2024
މާލެ ސިޓީ

ރައީސް ޔާމީން ގެއަށް ބަދަލުކުރީ އެއްވެސް ހާލެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެން ނޫންކަމަށާއި އެކަމަށް އެދިވަޑައިގެންފައިވެސް ނުވާކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ސޯލިހު ވިދާޅުވީ ރައީސް މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވި ދުވަހުގެ ރޭ އެ މަނިކުފާނަށް ގުޅުއްވާފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެ ކޯލްގައި ރައީސް ޔާމީން ދޫކޮށްލުމުގެ ވާހަކަ އެއްވެސް މިންވަރަކަށް ރައީސް މުއިއްޒު ފާހަގަ ނުކުރައްވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

އޭގެ ފަހުން ޖެހިގެން އައި ދުވަހު އިންތިހާބީ ރައީސްގެ ހައިސިއްޔަތު ރައީސް އޮފީހުގައި ޑރ. މުއިއްޒާއި ބައްދަލުކުރެއްވިކަން ސާލިހް ފާހަގަކުރެއްވިއެވެ. ސާލިހް ވިދާޅުވީ ޑރ. މުއިއްޒާއި އަބްދުއްރަހީމް ވަޑައިގެންނެވި ބައްދަލުވުމުގައިވެސް ދެއްކެވީ ޓްރާންސިޝަން ކަންކަން ސުމޫތްކޮށް ގެންދިޔުމުގެ ވާހަކަކަމަށާއި ރައީސް ޔާމީންގެ އެއްވެސް ވާހަކައެއް އެބޭފުޅުން ނުދައްކަވާކަމަށް ސާލިހް ވިދާޅުވިއެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ވާހަކަ އެދުވަހު އެ ބައްދަލުވުމުގައި ޑރ މުއިއްޒާއި އަބްދުއްރަހީމް ކައިރީގައި ދެންނެވިކަމަށް ސޯލިހު ވިދާޅުވި އެވެ.

ރައީސް ޔާމިން ގެއަށް ބަދަލުކުރައްވާ ވާހަކަ ދެންނެވުމުން ޑރ. މުއިއްޒާއި އަބްދުއްރަހީމްގެ މޫނުފުޅުމަތިން ހައިރާންކަަން ފެނުނުކަންވެސް ސާލިހް ވިދާޅުވި އެވެ.

އެއީ އެއްވެސް ހާލެެއްގައި އިންތިހާބީ ރައީސް ޑރ މުއިއްޒު އެދިވަޑައިގަންނަވައިގެން އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދިވަޑައިގެން ކުރެއްވިކަމެއް ނޫން.

- ސޯލިހު

ރައީސް ޔާމިންގެ މައްޗަށް ފުރަތަމަ ހުކުމް ތަންފީޒުކުރަމުން ދިޔައިރު ޕީޕީއެމްގެ ވަރަށް ގިނަ ބޭފުޅުންގެ މެސެޖްތަކެއް ލިބިވަޑައިގެންނެވިކަމަށް ސާލިހް ވިދާޅުވިއެވެ. އޭގެތެރެއިން ގިނަ ބޭފުޅުންނަކީ އެމަނިކުފާނާއި އެކު މަޖިލީހުގައި މަސައްކަތް ކުރެއްވި ބޭފުޅުންކަމަށާއި އެ މެސެޖްތެއް ލިބުނީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމުގެ އަހަރެއްކުރިންކަމަށް ސާލިހް ވިދާޅުވި އެވެ.

ސޯލިހް މިފަދައިން ވާހަކަ ދެއްކެވިއިރު ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވީ މުއިއްޒު ކަމަށް ދޭހަވާގޮތަށް ވަރަށް ގިނަ ބައްދަލުވުންތަކުގައި މުއިއްޒުއާއި އެމަނިކުފާނުގެ ސަރުކާރުގެ ބޭބޭ ފުޅުން އަންނަނީ ބުނަމުން ނެވެ.

ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރީ ރައީސް މުއިއްޒު ކަމަށް އެ މަނިކުފާނު ވިދާޅުވި ނަމަވެސް ރައީސް ޔާމީން ވެސް އެކަން ދޮގުކުރައްވާކަން ފާހަގަކޮށްލެވެ އެވެ. އެކަން ކުރެއްވީ ކުރީގެ ސަރުކާރަށް ފެނިވަޑައިގެންކަމަށް ތަކުރާރުކޮށް ރައީސް ޔާމީން ގެންދަވަނީ ވިދާޅުވަމުންނެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކުރީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 82 ވަނަ މާއްދާގެ ދަށުން ކަމަށް މީގެ ކުރިިން ކަރެކްޝަނުން ވަނީ ބުނެފަ އެވެ . އެ މާއްދާގައި ބަޔާންކޮށްފައި ވަނީ ސިއްހީ ނުރައްކަލެއްގެ ސަބަބުން ގައިދީއަކު ގެއަށް ބަދަލުކުރެވޭނެ ކަމަށާއި ގެއަށް ބަދަލުކުރެވޭނެ ހާލަތްތަކެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved