ރައީސް ޑރ. މުއިއްޒުގެ ވެރިކަމަކީ ޑިމޮކްރަސީގެ އިރު އޮއްސިފައިވާ ހުދުމުހުތާރު ވެރިކަމެއް ކަމަށް އެމްޑީޕީން ސިފަކޮށްފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޚުވީ އިއްޔެ ފާސްކުރެވިގެން އެ ދިޔަ ގޮތަށް ގާނޫނުއަސާސީއަށް ކުއްލިއަކަށް އިސްލާހު ގެނައުމަކީ ޑިމޮކްރެޓިކް އެއްވެސް ހަމައަކުން ކަންކަން ކުރެވޭނެ ގޮތެއް ނޫން ކަމަށެވެ.
ގާނޫނުއަަސާސިއަށް އިއްޔެ ގެނައި އިސްލާހާ އެކު ދައުލަތުގެ ތިން ބާރު ވެސް މިހާރު އޮތީ ރައީސް މުއިއްޒުގެ މުށުތެރޭގައި ކަމަށް އޭނަ ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ މަޖިލީހުގެ އިތުރުން ސުޕްރީމް ކޯޓު ވެސް ރައީސްބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ހަމަ އެގޮތަށް އުއްތަމަ ފަނޑިޔާރާއި ނުވަތަ ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް ފަހު ވެސް ޕާޓީގެ ވިޕްލައިނެއް ނެރެ، އެ ޕާޓީގެ ވިޕް ލައިނާ ހިލާފުވާ ކޮންމެ މީހަކު ރައްޔިތުންގެ މަޖިލީހުން ކަނޑައިލައްވާނެކަމުގެ އިންޒާރު އިއްޔެ ގާނޫނުއަސާސީއަށް އެ ގެންނެވި ބަދަލުން ލިބިގެން ދިޔައީ
އޭނަ ވިދާޅުވީ 2008 ގައި އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ މުޅި މަފުހޫމަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަންކަން ކުރުން ކަަމަށެވެ. އަދި 20 ވަނަ ޖިލީހުން އިއްޔެ އެ ފާސްކުރި އިސްލާހުތަކާ މެދު ވެސް ރައްޔިތުން ދެކޭ ގޮތް ބަލައި، ހިޔާލު ހުށަހެޅުމުގެ ފުރުަސަތު ފަހިކޮށްދޭން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ މި ސަރުކާރުން މިހާރު ކަންކަން ކުރަމުން އަންނަނީ ޑިމޮކްރަސީގެ ހަމަތަކާ ވަރަށް ބީރައްޓެހިކޮށް ކަމަށެވެ. އެގޮތުން އިއްޔެ އާއި ރޭ މަޖިލީހުގެ ތެރެއިން ފެނިގެން ދިޔައީ ހުދުމުހުތާރު ވެރިކަމެއްގައި ކަންކަން ފެންނަ ގޮތަށް ކަމަށެވެ.
އޭނަ ވިދާޅުވީ ރާއްޖޭގައި މިހާރު ޚުދުމުހުތާރު ވެރިކަމެއްގެ ސިއްކަ ޖެހުނު ނަމަވެސް އެކަމާ ދެކޮޅަށް އެމްޑީޕީން ކުރަން ޖެހޭ މަސައްކަތްތައް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުންގެ ފުރިހަމަ ތާއިދާއެކު ގާނޫނުއަސާސީގެ ފަސް މާއްދާއަކަށް އިއްޔެ ބަދަލު ގެނެސްފައިވެ އެވެ.
މިކަމާ ގުޅިގެން މަދަނީ ޖަމިއްޔާތަކާއި ގާނޫނީ ވަކީލުން ހިމެނޭހެން ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.