އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން އާންމުކޮށް ހުޅުވާލައިގެން ތާވަލުކުރި އަޑުއެހުމަކަށް ހާޒިރުވެފައި ނުވާތީ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ ޖޫރިމަނާކޮށްފި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހައުސިން މިނިސްޓްރީ ޖޫރިމަނާ ކުރީ، އެ އޮފީހުން ބަލަމުންދިޔަ މައްސަލަ އަކާ ގުޅިގެން އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ތާވަލުކުރި ބައްދަލުވުކަށް ހާޒިރުވެފައި ނުވާތީ ކަމަށެވެ.
އެއީ ކޮން ފަރާތަކުން ހުށަހެޅި މައްސަލައެއް ކަމެއް އައިކޮމް އިން ހާމައެއް ނުކުރެ އެވެ. އަދި ހައުސިން މިނިސްޓްރީން ދޭން އެދިފައިވަނީ ކޮން މައުލޫމާތެއް ކަމެއް ވެސް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި ހައުސިން މިނިސްޓްރީ ޖޫރިމަނާ ކުރީ 350ރ. އިންނެވެ. މިއީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އަޑުއެހުންތައް ރައީސް އޮފީހުން ހާޒިރުނުވާ މައްސަލަ ވެސް މީގެކުރިން ފެންމަތިވެފައިވެ އެވެ. އެ މައްސަލާގައި ރައީސް އޮފީހަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް އިންފޮމޭޝަން ކޮމިޝަނަރު ކުރިން ދެއްވި އެވެ.
ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހާމަނުކޮށް މިފަދަ ގޮތް ގޮތަށް އަމަލުކުރަމުންދާއިރު މި ސަރުކާރަކީ ޙާމަކަން ބޮޑޫކޮށް ވެރިކަން ކުރާނެކަމުގެ ވައުދާއެކު އައި ސަރުކާރެއްކަން ފާހަގަކޮށްލެވެއެވެ.