މޫސަ / މިހާރު
ހަބަރު
ހެވީލޯޑްގެ ރަށްތައް ވިއްކުން މަޑުޖައްސަން ހައިކޯޓުން އަމުރުކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
24 ނޮވެމްބަރު 2024
މާލެ ސިޓީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހެވީލޯޑަށް ދޫކުރި 170 މިލިއަން ރުފިޔާގެ ލޯނު ނުދެއްކުމުން އެ ކުންފުނީގެ ތިން ރަށް ވިއްކާލުމަށް ސިވިލް ކޯޓުން ދިން ހުއްދައަށް އަމަލުކުރުން ހައިކޯޓުން މިއަދު ވަނީ މަޑުޖައްސާލައިފަ އެވެ.

މި ތިން ރަށަކީ ރީކޯ މޫސަ 2016 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްއިން ނެގި 11 މިލިއަން ޑޮލަރުގެ ލޯނެއް އަނބުރާ ނުދެއްކުމާ ގުޅިގެން 2020 ވަނަ އަހަރު އެ ބޭންކުން ކޯޓަށް ހުށަހެޅި މައްސަލައެއްގައި ސިވިލް ކޯޓުން އެ ރަށްތަކުގެ ހެޑް ލީސް ވިއްކައިލުމަށް ހުއްދަ ދީފައިވާ ތިން ރަށެވެ.

އެ ހުއްދައާ އެއްގޮތަށް ބީއެމްއެލްއިން މިދިޔަ މަހު ވަނީ އެ ތިން ރަށް ވިއްކާލަން އިއުލާންކޮށްފަ އެވެ.

ނަމަވެސް ސިވިލް ކޯޓުން ދީފައިވާ ހުއްދައަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކުރީ ހެވީ ލޯޑްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމުންނެވެ.

ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ސޮއިކުރައްވައި މިއަދު ނެރުއްވި އަމުރުގައިވާ ގޮތުން ސިވިލް ކޯޓުން ދީފައިވާ ހުއްދައަށް އަމަލުކުރުން މަޑުޖައްސާލަން އެންގީ ހައި ކޯޓުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެނެވެ.

ބީއެމްއެލްއިން ވިއްކާލަން އޭރު އިއުލާން ކޮށްފައިވަނީ ލ. ފަރެސް އައިލެންޑާއި ކުޑަ ފަރެސް އައިލެންޑް އަދި ބޮޑުހުރާ އައިލެންޑެވެ. އޭގެ ތެރެއިން ފަރެސް އާއި ކުޑަފަރެސްއަކީ ރަހާ ރިސޯޓް ހިންގަމުންދާ ދެ ރަށެވެ. އަދި ބޮޑުހުރާއަކީ ދަނޑުވެރި ކަމަށް ދޫކޮށްފައި އޮންނަ ރަށެކެވެ.

ހައިކޯޓު އަމުރުގައި ފާހަގަކުރި ގޮތުގައި މި މައްސަލާގައި ހެވީ ލޯޑުން ހައިކޯޓުގައި ފާހަގަކުރާ އެއް ނުކުތާއަކީ އެ ރަށްތައް ވިއްކައިލުމަށް ސިވިލް ކޯޓުން ހުއްދަދިނީ ރަށްތަކުގެ އަގުކުރުމާ ނުލައި ކަމަށްވުމެވެ. އެހެންކަމުން މައްސަލަ ނުނިމެނީސް ރަށްތައް ވިއްކައިފިނަމަ އެ މައްސަލައަށް އަސަރުކުރާނެ ކަމުގައި އަމުރުގައި ބުނެފައިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved