ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެގެން އުޅެނިކޮށް ކޯސްޓު ގާޑުން އަތުލައިގަތް ލަންކާ މަސްބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި ހަައްޔަރު ކުރި ލަންކާ މީހުންގެ 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ދީފި އެވެ.
ހދ. މަކުނުދޫ ބޭރުން މިމަހުގެ 23 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި އަތުލައިގަނެވުނު މި ބޯޓުގައި ތިބީ ލަންކާގެ ފަސް ފިރިހެނުންނެވެ.
އެމްއެންޑީއެފް އިން ބޯޓު އަތުލައިގަނެ ހދ. ކުޅުދުއްފުށި ބަނދަށް މި ބޯޓު ގެންދިޔައީ މިމަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 9:30 ހާއިރު އެެވެ.
ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި މި މީހުން ބަންދުކޮށްފައި ތިބިއިރު މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ހދ. މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މި އެންމެން ކަސްޓޯޑިއަލް ޖަލެއްގައި 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސްރީލަންކާގެ ރައްޔިތުން ކަމުގައިވާ ފަސް މީހުންނެވެ. އެއީ، ރާޖްޕަކްޝަ ގެމަގޭ ދެނޫޝަ މަޑުމަލް (21 އަހަރު)، މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރަ (22 އަހަރު)، ޗަމޮދް ދިވަންގާ ދިލަކާވަ (22 އަހަރު)، ލޮރެންސު ހޭވާގީ ސަރަތު (56 އަހަރު) އަދި ވިޖޭވީރަ ގުނަރަތުނާ މަހާވިދޯމާ (37 އަހަރު) އެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ގުޅިގެން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެތި އަތުލައިގަތުމަށް ކުރިއަށް ދިޔަ މި އޮޕަރޭޝަނަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ބޯޓުގައި ހުރި މަސްތުވާތަކެތީގެ ޕްރެލިމިނަރީ ޓެސްޓުގެ ނަތީޖާ ދައްކާ ގޮތުން 344 ކިލޯއަކީ މެތު އަދި 124.6 ކިލޯ އަކީ ކޮކެއިން ކަމަށެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި އަތުލައިގެން މަސްތުވާތަކެތީގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރާނެ އެވެ.