ޕާޓީ ޑްރަގްސް: މިއީ ފުރާނައަށް ނުރައްކާވާ އެއްޗެއްކަމަށް އެންޑީއޭއިން ބުނި - / އޭއެފްޕީ
ހަބަރު
ޕާޓީ ޑްރަގްސްއަކީ ރައްކާތެރި އެއްޗެއް ނޫން: އެންޑީއޭ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
27 އޭޕްރީލު 2025
މާލެ ސިޓީ

ރާއްޖޭގައި ޕާޓީ ޑްރަގާއި އޭގެ ބާވަތްތައް ފެތުރިފައި ވަނީ ރައްކާތެރި އެއްޗެއް ކަމަށް ދެކިގެން ނަމަވެސް، އެއީ ފުރާނައަށް ނުރައްކާތެރި އެއްޗެއް ކަމަށްވާތީ އޭގެން ސަލާމަތްވުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެންޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، ޕާޓީ ޑްރަގްގެ މާއްދާތަކާއި، ބަނގުރަލާއި، އެނޫން މަސްތުވާ ބާވަތްތައް ރައްޖޭގައި ބޭނުން ކުރާއިރު، މިތަކެތި ފެތުރިފައި ވަނީ ރައްކާތެރި އެއްޗެއް ކަމަށް ދެކިގެން ކަމަށެވެ.

މި ފަހުން ޒުވާނުންގެ މެދުގައި މަޝްހޫރުވި ޕާޓީކުރުމުގެ ސަގާފަތުގެ ސަބަބުން ގިނަ ބަޔަކު މިފަދަ މަސްތުވާތަކެތީގެ ޝިކާރައަކަށްވެ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާކަމަށް މި ބަޔާނުގައި ވެއެވެ.

އެ ފަދަ މީހުންގެ ތެރެއިން ފަރުވާއަށް އެދޭ ގިނަ ޒުވާނުންގެ ފަރާތުން އެނގުނީ، އެންޑީއޭއިން ބުނި ގޮތުގައި، އެ މީހުން ޕާޓީ ޑްރަގްސް ބޭނުންކުރީ ދޭތެރެ ދޭތެރެއިންނެވެ. ނަމަވެސް، އެކަމުގެ ތެރެއިން މަސްތުވާތަކެއްޗަށް ދެވިހިފައި، އެކި ބާވަތްތަކުގެ މަސްތުވާތަކެތީގެ ތެރެއަށް ވަދެ ނަފްސާނީ އަދި ޖިސްމާނީ އެތައް މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

އެހެންކަމުން، ޕާޓީކުރުމުގެ ނަމުގައި ފެތުރެމުންދާ މި ނުރައްކާތެރި މަސްތުވާތަކެއްޗާއި އެ ނޫންވެސް މަސްތުވާ އެންމެހާ މާއްދާތަކާއި ތަކެތި ބޭނުންކުރުމަކީ ފުރާނަ ގެއްލިދިއުމުގެ ނުރައްކާ އޮތް ކަންކަމަށް ވާތީ، އެ ކަންކަން ކުރާ އެންމެހާ ފަރާތްތަކަށް މި ނުރައްކަލުގެ އިންޒާރުދެމެވެ. އަދި މަނާކުރެވިފައިވާ މަސްތުވާތަކެއްޗާއި އެފަދަ ނުރައްކާތެރި އާދަތަކާ ދުރުހެލިވުމަށް އިލްތިމާސްކުރަމެވެ،

- ބަޔާނުގައިވެ އެވެ.

މާލޭ ސަރަހައްދުގައި ކަންބޮޑުވާ މިންވަރަށް މިހާރު ވެސް މަސްތުވާތަކެތި ބޭނުންކުރާ ކަމަށާއި މިކަމުގައި ޒުވާނުނާއި ކުޑަކުދިން ވެސް ވަންނަކަށް އެންޑީއޭއިން މިއަހަރުގެ ފެބްރުވަރީ 25އިން މާރޗް 25ވަނަ ދުވަހުގެ ނިޔަލަށް މާލޭ ސަރަޙައްދުގައި ކުރިޔަށް ގެންދިޔަ އައުޓްރީޗް ޕްރޮގްރާމުން އެނގިފައި ވާކަމަށް އެންޑީއޭއިން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ސިއްހީ އެތައް މައްސަލައެއް ވެސް ފާހަގަވެފައި ވާކަމަށް އެންޑީއޭއިން ބުނެފައި ވާއިރު، މިކަމާ ގުޅިގެން ހާލަތު އިތުރަށް ދެނެގަތުމަށް އިތުރު މަސައްކަތްތައް ކުރަންމުން އަންނަ ކަމަށް އެންޑީއޭއިން ވަނީ ބުނެފަ އެވެ.

އެ އެޖެންސީން ވަނީ މަސްތުގެ ހާލަތުގައި ތިބޭ މީހުން މަގުމަތިން ފެނިއްޖެނަމަ ގައުމީ އިމަޖެންސީ ހޮޓްލައިޓް، 911 ނުވަތަ އެންޑީއޭގެ ހޮޓްލައިން 1410 އަށް ގުޅުމަށް އެދިފަ އެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް އާންމުވެފައި ވާއިރު، އާ ބާވަތްތަކުގެ ޑުރަގް ރާއްޖެއަށް ވެސް އަންނަނީ އެތެރެކުރަމުންނެވެ. އޭގެ ސަބަބުން ގާނޫނީ ގޮތުން ވެސް ގިނަ ގޮންޖެހުންތައް ކުރިމަތިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved