އެމްއެމްޓީވީ އުފައްދަން ގުރުބާނީއެއްގެ ގޮތުން "ކަތިލި" ކަންބަޅި އަކީ ހީނާ އެވެ. ހިޔަޅަކީ ހަލީލު އެވެ.! / ތޭރަގްރެފިކްސް
ރިޕޯޓު
އެމްއެމްޓީވީ އުފައްދަން ގުރުބާނީއެއްގެ ގޮތުން "ކަތިލި" ކަންބަޅި އަކީ ހީނާ އެވެ. ހިޔަޅަކީ ހަލީލު އެވެ.!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
07 ޑިސެމްބަރު 2024
މާލެ ސިޓީ

ހިޔަޅަކީ ބުޅަލެއްވަރު ވާ ޖަންގަލީގެ ޖަނަވާރެކެވެ. މިއީ ވަރަށް މަކަރުވެރި އެއްޗެެކެވެ. ވައްކަމާއި އޮޅުވާލުމުގައި އުޅޭ މީހުނަށް ވަރަށް ހިޔަޅު މީހެކޭ ދިވެހިން އިހު ކިޔާ އުޅެ އެވެ. ކަންބަޅި އަކީ ބަކަރީގެ ބާވަތެކެވެ. މިއީ އޭގެ ކެހެރިޔާ މަހުގެ ބޭނުމުގައި ގެންގުޅޭ އެއްޗެކެވެ. ކަންބަޅީގެ ކެހެރި ހުންނާނީ ބޯކޮށެވެ. މި ދެ ޖަނަވާރަކީ ވެސް އެތަކެތީގެ ތޮބީއީ ދިރިއުޅުމުގައި "ވަގު" ނުވަތަ ޗޯރު ގޮތެއް ހުންނަ ދެ ޖަނަވާރެވެ.

މިއަދު ދައްކަން މި އުޅެނީ މި ދެ ޖަނަވާރުގެ ވާހަކަ އެއް ނޫނެވެ. މިއަދު ދައްކަން މިއުޅެނީ ކުށް ސާބިތު ވެއްޖެ ނަމަ އަތްތައް ބުރިކުރާން ޖެހޭ ފަދަ އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ޖަރީމާ އެއްގެ ވާހަކަ އެވެ.

ނަމަވެސް މިވާހަކައިގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒުގެ ނަން ރަމްޒުކޮށްދޭ އެމްއެމްޓީވީ އުފައްދަން އެންސްޕާއިން ހިންގި ވައްކަމުގެ ނުވަތަ މަނީލޯންޑަރިން ކުށުގައި ގުރުބާނީއެއްގެ ގޮތުން "ކަތިލި" ކަންބަޅި އަކާއި އަދި މަކަރުވެރި ހިޔަޅެއްގެ ވާހަކަ ތިލަވާނެ އެވެ.

ފަށަމާ ތޯ އެވެ. ފުރަތަމަ ދީނީ ނަސޭހަތަކުން ނެވެ.

އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ އެއް ޖަރީމާއަކީ ވައްކަންކުރުމެވެ. ވައްކަންކުރުމަކީ އެއްޗެއް ނުވަތަ މުދަލެއް ނުވަތަ ފައިސާ ހުންނަންވީ ތަނެއްގައި ރައްކައުތެރި ގޮތުގައި ހުއްޓާ ސިއްރުން ނެގުމެވެ. ހިޔާނާތްތެރިވުމެވެ. އަދުލުވެރި ނުވުމެވެ.

ވައްކަންކުރުމަކީ ﷲ ނަހީ ކުރައްވާފައިވާ ބޮޑު ފާފައެކެވެ. އެކަންކުރާ މީހުންނަށް ދީނުގައި ނުހަނު ބޮޑު އުގޫބާތް ކަނޑައަޅުއްވާފައި ވެއެވެ. މާތްﷲ ވަހީކުރައްވާފައިވާ އާޔަތެއްގެ މާނައިގައި ވަނީ "ވައްކަންކުރާ ފިރިހެނާ އާއި ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ ތިޔަބައިމީހުން އެދެމީހުންގެ އަތްތައްބުރިކުރާށެވެ. އެއީ އެދެމީހުން ކުޅަކަންތަކުގެ ޖަޒާ އަކަށް ﷲގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ އިބްރަތްތެރި އުޤޫބާތެއްގެ ގޮތުންނެވެ."

މިފަހުން ރައްޔިތުންގެ މަޖިލީހުގައި ވެސް ވަރަށް ބާރަށް ވައްކަމުގެ ވާހަކަ އާއި އަދި އެކަމުގެ އުޤޫބާތުގެ ވާހަކަ ދެކެވުނެވެ. ކުރީ ސަރުކާރުގެ ދުވަސްވަރު ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް، "ބޮޑެތި ވައްކަން" ކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެކަމުގައި ޝާމިލުވާ މީހުންގެ "ހަތަރެސްފައި ބުރިކުރަން" ރައްޔިތުންގެ މަޖިލީހުގައި 26 ޖޫން 2024 ގައި ބޭއްވި ޖަލްސާގައި ޕީއެންސީގެ މެންބަރަކު ގޮވާލި އެވެ.

މިހެން ގޮވާލީ ރާއްޖޭގެ ބޮޑު ބަޔަކަށް ކަރަންޓާއި ފެނުގެ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަނުގެ ތެރޭގައި އެކިއެކި ސަރުކާރުތަކުގެ ދުވަސްވަރު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ހިޔާނާތުގެ މައްސަލަތައް ބަލަން ގޮވައިލައި ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ.

އެ ބަހުސްގައި ވިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލް އަޒީޒު ވިދާޅުވީ ވައްކަންތައް ބަލައި، (އެެކަންކަމުގެ ޒިންމާ އުފުލަން ޖެހޭ މީހުންގެ) ހަތަރެސްފައި ބުރިކޮށް ޖަލަށް ލައިގެން ނޫނީ އެފަދަ މައްސަލަތަކަށް ދުވަހަކު ވެސް ހައްލެއް ނާންނާނެ ކަމަށެވެ.

މެންބަރު އާޒިމް ވިދާޅުވީ "ދީނުގައި އޮންނަނީ ވައްކަން ކުރާ މީހާ އަތްކަނޑަން" ކަމަށެވެ. އާޒިމް އެ ވިދާޅުވީ ތެދެކެވެ. ވައްކަންކުރާ މީހާގެ އަތް ޝަރުތުތަކަކާއި ލައިގެން ކަނޑަން ޖެހޭ ކަމީ އެއްވެސް ޝައްކެތް ބަހުސެއް އޮތް ކަމައެއް ނޫނެވެ.

ދަންނަ އެވެ. ވައްކަންކުރިިކަން ސާބިތުވާނީ އެކަންކުރި މީހާ އެކަމަށް އިއުތިރާފް ވިނަމަ އެވެ. ނުވަތަ އަދުލުވެރި އިންޞާފުވެރި ދެހެކިވެރިންގެ ހެކިބަހުން އެކަން ސާބިތުވި ނަމަ އެވެ.

ވައްކަންކުރުމަކީ ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގެއްލުންބޮޑު ކަމެކެވެ. ވައްކަންކުރާމީހާ މިނުބައި އަމަލުކުރާއިރު އޭނާއަކީ މުއުމިނެއް ކަމުގައި ނުވެ އެވެ.

މިހާ ހިސާބުން އަޅުގަނޑުގެ ހަދާނަށް އަންނަނީ ނިމުނު ސޯލިހު ސަރުކާރުގެ ދުވަސްވަރު ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ ހާއްސަ އޮޑިޓުން ބޮޑެތި ކޮރަޕްޝަންތަކެއް ފަޅާއެރި ދުވަހެވެ. އެދުވަހު ބަހުގެ ހޫނު ހަމަލާތަކެއް އަމާޒުވި އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ އެއިރު ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޔައުގޫބެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތުގައި "ރައްޔިތުން ގެއަށް ވައްދައި މާލިއްޔަތުން ވައްކަން ކުރިއިރު" ޔައުގޫބް ކޮބައިތޯ ސޯޝަލް މީޑިގާއި މީހުން އެހީ އޭނާގެ ސީދާ ބައިވެރިވުމެއް އެ ވައްކަމުގައި އޮވެގެންނެއް ނޫނެވެ.

އެ ސުވާލު ގުޅުވީ ގިނަ ބައެއްގެ ތައުރީފް އޭނާ ހޯއްދެވި ކޮރަޕްޝަން ހުއްޓުވުމުގެ ވައުދާ އެވެ. 19 ވަނަ މަޖިލިސް ކެމްޕޭންގައި ޔައުގޫބް ޔަގީންކަން ދެއްވީ ވެެރިކަން ކުރާ ޕާޓީގެ މެމްބަރެއްގެ ގޮތުގައި މަޖިލިސް ތަމްސީލް ކުރެއްވިޔަސް ދައުލަތުގެ ހަޒާނާއިން ވައްކަން ކުރާ ނަމަ އެކަން ފަޅާއަރުވާލާނެ ކަމެވެ. އެކަމުގައި ފަހަތަށް ޖެހިވަޑައިނުގެން ސާބިތުކަމާ އެކު ހުންނަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

އެކަމަކު ޓޫރިޒަމާއި ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި އޮތީ ކޮވިޑުގެ ނަމުގައި ބޮޑެތި ހިޔާނާތްތަކެއް ހިންގާފައިވާ ކަމެވެ. ރާއްޖެ އަށް ބޭނުންވި ވެންޓިލޭޓަރުތައް ހޯދުމުގައި މާލިއްޔަތު ގަވާއިދާ ހިލާފަށް އަމަލުކުރި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާ ކުރެއްވީ ޔައުގޫބަށް ބޮޑުބޭބެ ވިދާޅުވާ، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ނިޝާމާ މުހައްމަދެވެ. އޭނާ އަކީ ޔައުގޫބްގެ އެއްބަފާ ބޭބެގެ ދަރިއެކެވެ.

ނިޝާމާގެ މައްސަލައިގައި އޭނާ ދިފާއުކުރައްވަން ޔައުގޫބް މަސައްކަތް ކުރައްވާނެ ކަމުގެ ތުހުމަތާ އެކު އާންމުންގެ ފާޑުކިއުންތައް އޮއްސާލި އެވެ. ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލާއިރު ޔައުގޫބް އެ ކޮމިޓީގައި އިންނެވުމަކީ ވެސް މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް އެއް ބަޔަކު ދެކުނެވެ.

ޔައުގޫބް އަށް ރައްދު ދީ އޭނާގެ "ވައުދު" ހަނދާން ނެތުނީތޯ ސުވާލު އުފައްދަވައި އެދުވަހު ސުވާލު ކުރެއްވި އެއް ބޭފުޅަކީ ކުރީގެ އަދި މިހާރު ވެސް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

އެދުވަހު ޝަހީމް ވަނީ "ޔައުގޫބް ޒިންމާ އިން ގެއްލިއްޖެ" ކަމުގެ ތުހުމަތު ކުރައްވައިފަ އެވެ. ހުރިހާ ވައްކަންތަކެއް ކުރާއިރު، ހަބަރެއް ނުވެ ޔައުގޫބް އުޅުއްވަނީ ކޮން ތާކުތޯ ޝަހީމް ސުވާލު އުފެއްދެވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި، ވަގު ހިފާނެ އޮޑިޓަރެއް ކަމުގެ ޔަގީންކަން ދެއްވައި ޔައުގޫބް އުޅުއްވާ ގޮތުން އަންތަރީސް ވެއްޖެ ކަމަށެވެ.

ކަންކަން ވަމުންދާ ގޮތް ނިކަން ބައްލަވާށެވެ. އިއްޔެ ރައްޔިތުންގެ ނޭވާ ހޮޅިން "ވައްކަން" ކުރީ އެވެ. އެ މައްސަލަ ބަލާނެ ކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންގެ ސަރުުކާރުގެ ތެރެއިން ވެސް ކުރަނީ ވައްކަމެވެ. މިއަދު ވައްކަން އެކުރީ ދިވެހި ރައްޔިތުންގެ ބޭސްފަރުވާ އަށް ހަރަދުކުރަން ހުރި ފައިސާ އިން ނެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް އަހަރެއް ފުރުނުއިރު މިހާރު ރައްޔިތުން އަންތަރީސް ވެގެން އުޅޭ އެންމެ ބޮޑުއެއް "ވައްކަމަކީ" އެމްއެމް ޓީވީ ގެ ނަމުގައި ޗެނަލް ހިންގާ ކުންފުނިން ކުއްޔަށް ދޫކުރާ ފަންގިފިލާތަކެއްގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގަން އެވޯޑްކުރި މައްސަލައިގެ ކޮރަޕްޝަނާއި ހިޔާނާތާއި ވައްކަމުގެ ވާހަކަ އެވެ.

އެންސްޕާއިން އޮފީސް އިމާރާތް ކުއްޔަށް ހިފި މީޑިއާ ހައުސްއަކީ މި ފަހުން އުފެއްދި އެމްއެމް ޓީވީ ހިންގާ ކުންފުންޏެވެ. އެ ޓީވީ އަކީ ރައީސް މުހައްމަދު މުއިއްޒުއާ ގުޅުން އޮންނަ ޓީވީއެކެވެ. އަދި އެ ޓީވީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ރައީސް އޮފީހުގެ ކޮމިޔުނިކޭޝަންސް ޑިޕާޓްމަންޓުގެ އިސް ފަރާތްތަކެވެ.

އެންސްޕާ ހިންގުމަށް އޮފީސް އިމާރާތެއް ހޯދަން 34.8 މިލިއަން ރުފިޔާގެ މުއާމަލާތެއް ގޭގެ ވެރިފަރާތް ނޫން އެހެން ފަރާތަކާއި ކުރިކަމަށް ބުނެ ވައްކަމުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ އެންސްޕާގެ އިސްފަރާތް ކަމުގައިވާ ހީނާ ވަލީދު އަށް ކުރެވިފައި އެވެ.

މޯލްޑިވްސް މީޑިއާ ހައުސް ރަޖިސްޓްރީކުރިއިރު ހިއްސާދާރުންގެ ގޮތުގައި އަދި ޑިރެކްޓަރުންގެ ބޯޑުގައި ތިބީ ތިން މީހެކެވެ. އެއީ ރައީސްގެ އަމިއްލަގެ މ. ދިމްޔާތު ބެލެހެއްޓުމުގައި މިހާރު އިސްކޮށް ހުންނެވި، ހއ. ވަށަފަރު، ހުސްނުހީނާގޭ، އަބްދުﷲ ޒާހިރު އާއި ރައީސް އޮފީހުގެ މިނިސްޓަރު ހަލީލުގެ ދޮންދަރި، ގ. ދަނބުކޮކާ، އަހުމަދު ސައިފް ހަލީމް އަދި އައިޝަތު ޝީރީނާ ކިޔާ މީހެކެވެ. މީޑިއާ ހައުސް، ރަޖިސްޓްރީކޮށްފައި ވަނީ ހަލީލު ދިރިއުޅުއްވާ، ގ. ދަނބުކޮކާގަ އެވެ.

ކުންފުނި ރަޖިސްޓްރީ ކުރިއިރު ސައިފް އާއި ޝީރީނާ ހިއްސާދާރުންގެ ގޮތުގައި ތިއްބަސް، އެމްއެމް ޓީވީން ބްރޯޑްކާސްކުރަން ފެށީ އެ ދެ މީހުންގެ ނަން ކުންފުނިން އުނިކޮށް، ހަމައެކަނި އަބްދުﷲ ޒާހިރު އަށް މުޅި ކުންފުނި ބަދަލުކޮށްފަ އެވެ.

އެމްއެމްޓީވީ ހުޅުވި ރޭ ޒާހިރުގެ ދެ ފަރާތުގައި ތިއްބެވީ ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލު އާއި، އޭނާގެ ޒަމާންވީ އޮޅުވާލުންތަކުގެ ބައިވެރިޔާ، ރައީސް އޮފީހުގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފް އެވެ.

"މީޑިއާ ލޯބީގެ" ގުޅުން ކިތަންމެ ވަރުގަދަޔަސް އެންސްޕާގެ 35 މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލައިގައި ހީނާ އާއި ހަލީލް މި ދެ ބޭފުޅުންގެ މައްޗަށް ވައްކަމާއި މަކަރާއި ހީލަތް ހެދުމާއި އަދި ކިއެއްތަ މަނީލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތްގޮތެެކެވެ.

މީހަކު ވައްކަމެއް ކޮށްފިކަން ސާބިތު ވުމުން އޭނާގެ އަތްކެނޑޭނެއެވެ. ފުރަތަމަ ކަނޑާނީ ކަނާއަތެވެ. އަތްކަނޑާނީ ކުޑަހުޅުންނެވެ. އަތްކެނޑުމަށްފަހު ބޭސްފަރުވާކޮށްގެން އަތުގެ ބާކީބައި ސަލާމަތްކުރަންވާނެއެވެ. ދެވަނަ ފަހަރަށް ވައްކަންކޮށްފިނަމަ ކަނޑާނީ އޭނާގެ ވާތުފައެވެ. ކަނޑާނީ ތަނބިކަށީގެ ހުޅުންނެވެ. އެއަށްފަހު އަނެއްބަޔަށް ފަރުވާކޮށް ލޭމަނާކުރަންވާނެ އެވެ.

އިސްލާމްދީނުގައި ވައްކަންކުރާ މީހުންގެ މައްޗަށް މިހާބޮޑު އުގޫބާތެއް ކަނޑައަޅުއްވާފައި މިވަނީ ވަރަށް މަތިވެރި މަގުޞަދެއްގަ އެވެ. މިފަދަ އުގޫބާތެއް ނެތްނަމަ އިންސާނުންއޭގެ ކުރިމަތީ ތަސްލީމްކުރާނޭ ހައްދެއް ނެތުނީހެވެ.

އަދި އެއް ވާހަކަ އެވެ.

ރައްޔިތުންގެ ފައިސާއިން ވައްކަން ކޮށް އެމްއެމްޓީވީ ހިންގުމުގައި ސަރުކާރުގެ އިސްވެރިންނާއި ސަރުކާރުގެ މުވައްޒަފުން ހަރަކާތްތެރިވެ ރައީސް މުއިއްޒު ޕްރޮމޯޓު ކުރަމުން އަންނައިރު އެމްއެމްޓީވީ އުފަން ކުރަން އެންސްޕާގެ 35 މިލިއަން ރުފިޔާގެ ވައްކަމުގެ ގުރުބާނީއެއްގެ ގޮތުން "ކަތިލި" ކަންބަޅި އަކީ ހީނާ އެވެ. ހިޔަޅަކީ ހަލީލު އެވެ.! މީ އަޅުގަނޑަށް އެއް ކުރެވުނު މައުލޫމާތުން ފެންނަ ހަގީގަތެވެ.

ރައްޔިތުންގެ ބޭސްފަރުވާ އަށް ހަރަދުކުރަން ހުރި ފައިސާ އިން ޑރ، މުއިއްޒުގެ ސަރުކާރުން ވައްކަން ކުރި ގޮތުގެ މިނިވަން ތަހުގީގެއް ކޮށްފިނަމަ މިކަމުގައި ވެސް އެންމެ ބޮޑު މާލީ މަންފާއެއް ލިބިފައި އޮންނާނީ ހަމަ "ކައްޒާބު" އަށެވެ. މި ހަގީގަތް ސާފުވާން ދާދި ގާތެވެ. ހާލަތާއި މަންޒަރު ބަދަލު އެބަވެ އެވެ...!

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved