

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް ވީވައުދުން އޭނާ ބޯދަމައިގަނެފި އެވެ.
ހަލީލް ހޯރަފުއްޓަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ނުފުއްދި ގިނަ ދުވަސްތަކެއް ވެފައިވާ އެ ވައުދުތަކާއި ގުޅޭގޮތުން އޮންލައިން ނޫހަކުން ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި އޭނާ ވިދާޅުވީ ރައްޔިތުން ވޯޓް ދެއްވައިގެން ހޯރަފުށީ ދާއިރާ އަށް އިންތިހާބުވެވަޑައިގަތީ އަލީ މޫސަ ކަމަށާއި ކެމްޕެއިންތަކުގައި ދެކެވޭ ވާހަކަތަކުގެ ރެކޯޑްތަކާއި، ވައުދުތަކުގެ ރެކޯޑްތައް ބަލަހަށްޓަވާ، ވައުދު ފުއްދުމުގެ ޕްލޭން ރާއްވަވާ، ތަންފީޒު ކުރައްވާނީ، އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓް ނުވަތަ މެމްބަރު ކަމަށެވެ.
މެމްބަރ އެކަން ކުރިއަށް ގެންދަވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ.
މަޖިލިސް އިންތިހާބުގެ ކެންޕެއިން އަށް ހޯރަފުއްޓަށް ވަޑައިގެން ބޭއްވި އެއްވުމެއްގައި ހަލީލް ވިދާޅުވީ އޭނާގެ ވަރަށް ގާތް ރަހްމަތްތެރިއަކު ގުޅުއްވާ ރައީސް ޑރ. މުއިއްޒު ދެއްކެވި ކެންޑިޑޭޓް ހޯރަފުށީ ދާއިރާއިން ހޮވިއްޖެ ނަމަ ގިނަ ކަންތައްތަކެއް ހޯރަފުއްޓަށް ވުމަށް އޭނާ އެދޭ ކަމަށް ހަލީލް އަރިހުގައި ވިދާޅުވި ކަމަށެވެ.
ޗަމްޕާ މުހައްމަދު މޫސާ ވިދާޅުވި ކަމަށް ބުނެ އެ ޖަލްސާގައި ހަލީލް ހޯރަފުއްޓަށް ވަނީ ގިނަ ވައުދުތަކެއް ވެފަ އެވެ. އެގޮތުން:
އަލީ މޫސާ ހޮވުމުން ހޯރަފުށީގައި ހުރި އައިސްޕްލާންޓް މަސައްކަތް ހުއްޓިފައި ހުރުމުން ހޯރަފުށީގައި އާ އައިސް ޕްލާޓެއް ގާއިމުކޮށްދިނުން
އަލީ މޫސާ ހޮވުމުން ހޭންޑް ބޯޅަ އަދި ބަށި ބޯޅަ ކުޅެވޭ ގޮތައް އެންމެ ޒަމާނީ ބަށި ކޯޓެއް ގާއިމުކޮށްދިނުން
އަލީ މޫސާ ހޮވުމުން މުޅި އަތޮޅަށް ހުޅުވާލައިގެން މުޅި ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ބަށި މުބާރާތް އަގު ބޮޑު އިނާމަކާއިއެކު ބާއްވަދިނުން
އަލީ މޫސާ ހޮވުމުން ހޯރަފުށީގައި ޒަމާނީ ފިޒިއޯތެރެޕީ ސެންޓަރެއް ގާއިމްކޮށްދިނުން
އަލީ މޫސާ ހޮވުމުން ވޯޓާ ސްޕޯޓްސް ސެންޓަރެއް ހޯރަފުށީ ޒުވާނުންނަށް ގާއިމްކޮށްދިނުން
ނަމަވެސް މިއަދު ހޯރަފުށީ ދާއިރާގެ ރައްޔިތުން ހާއްސަކޮށް ޒުވާނުންގެ ޝަކުވާއަކީ މި ސަރުކާރުގެ އިސްބޭފުޅަކު ހޯރަފުއްޓަށް ވަޑައިގެން އެދެއްކެވި ވާހަކައިގެ "ކުލަ" ނުޖެހުމެވެ.
ހަލީލްގެ ވާހަކަ އަށް ފާޑުކިޔާ އެ ވީޑިއޯއަށް ކޮމެންޓް ކުރި މީހަކު ބުނީ ވޯޓުން އެބުނާ މީހަކު ހޮވުމުން ހަލީލް ގެއްލިއްޖެ ކަމަށާއި ހޯރަފުށީގެ ތަރައްގީ ހުއްޓުނީ ހަލީލް އެދުނުގޮތަށް ދިން ވޯޓަށް ފަހު ކަމަށެވެ.
ރައީސް ޑރ. މުއިއްޒޔގެ ސަރުކާރުގެ އިސް ވެރިން ނިމުނު މަޖިލީސް އިންތިހާބުގައި ރަށްރަށަށް ވަޑައިގެން ވެފައިވާ ގިނަ ވައުދުތައް ފުއްދިފާ ނުވާތީ ގިނަބަޔަކު އަންނަނީ އެމަކާ ސަރުކާރަށް ފާޑުކިޔަމުން ނެވެ. އެގޮތުން ކުރިއަށް އަވަސް އިންތިހާބެއް ނެތުމުން ސަރުކާރުން ރައްޔިތުން މަތިން ހަދާން ނައްތާލީ ކަމަށް ބައެއް މީހުން އަންނަނީ ބުނަމުން ނެވެ.