ސޫރިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތް، ހަޔިއަތު ތަހުރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިން އެ ގައުމުގެ ވެރިރަށް ދިމިޝްގަށް ވަދެގަނެފައިވާ ދަނޑިވަޅެއްގައި އެ ގައުމުގެ ރައީސް ބައްޝާރް އަލް-އަސަދު އެ ރަށް ދޫކުރައްވައި ވަޑައިގެން ހިމާޔަތް ހޯންދެވީ މޮސްކޯ އިން ކަމަށް ރަޝިއާގެ ގައުމީ ޓީވީން ބުނެފި އެވެ.
ރަޝިއާގެ ސަރުކާރު ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ބައްޝާރުލް އަސަދު ހުންނެވީ އާއިލާއާއެކު މޮސްކޯގައި ކަމަށެވެ. އައްސަދާއި އޭނާގެ އާއިލާ އަށް ރަޝިއާ އިން ހިމާޔަތް ދީފައިވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް ވެސް ދައުލަތުގެ މީޑިއާ އިން ރިޕޯޓުކޮށްފައިވެ އެވެ. ދުނިޔޭގެ އެހެން ބޮޑެތި މީޑިއާތަކުން ވެސް މިހާރު އަންނަނީ އަސަދު ހުންނެވި މޮސްކޯގައިކަން ޔަގީންކޮށްދެމުން ނެވެ.
މިކަމާ ގުޅިގެން ރަޝިއާގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިސްތިއުފާދިނުމަށް އަސަދު ނިންމީ އިދިކޮޅު ގްރޫޕުތަކާއެކި ދެކެވުނު ވާހަކަތަކަކަށް ފަހު ކަމަށެވެ. އޭނާ ފިލީ އިސްތިއުފާ ދިނުމަށް ފަހު ކަމަށްވެ އެވެ.
ސީރިޔާގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތުން ސީރިޔާގެ ގިނަ ސަރަހައްދުތަކެއް އެމީހުންގެ ބާރުގެދަށަށް ގެންދިއުމާއެކު، އަސަދު މޮސްކޯގައި ނުވަތަ އޭނާގެ އަނެއް އެކުވެރި ގައުމު ކަމުގައިވާ އީރާނުގައި ރައްކާތެރިކަން ހޯދަފާނެ ކަމަށް ކުރިން ވެސް ލަފާކުރެވުނެވެ.
ސީރިއާގެ ރައީސް ކަމަށް ބައްޝާރު ވަޑައިގަތީ 2000 ވަނަ އަހަރެވެ. އެއީ އޭގެ ކުރިން ވެރިކަމުގައި ހުންނެވި ބައްޕާފުޅު، ހާފިޒް އަލް އަސަދު އަވަހާރަވުމާ ގުޅިގެންނެވެ. އުމުރުން 69 އަހަރުގައި ހާފިޒް ހާޓް އެޓޭކެއް ޖެހިގެން އަވަހާރަވީ ވެރިކަން ކުރައްވާތާ 29 އަހަރުވީ ފަހުންނެވެ.
ސީރިއާގެ ދާޚިލީ ހަނގުރާމަ ފެށުނީ އެގައުމަށް ޑިމޮކްރަސީ ގެނައުމަށް ގޮވާލައި ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތައް ބާރުގެ ބޭނުން ކޮށްގެން ރޫޅާލައި، އެ ހަމަނުޖެހުންތަކުގައި އެތައް ހާސް މީހުން މަރުވުމާ ގުޅިގެންނެވެ.
ސީރިއާގެ ދާހިލީ ހަނގުރާމައަށް 13 އަހަރަށް ފަހު ބައްޝާރު އާއިލާގެ 54 އަހަރުވީ ވެރިކަން ނިމުމަކަށް ގެނެސްފައި ވާއިރު ބޮޑުވަޒީރު މުހައްމަދު އަލް ޖަލާލީ ވަނީ އޭނާ އަދިވެސް ހުންނެވީ ދިމިޝްގުގައި ކަމަށާއި ކޮންމެ ބަޔަކު ވެރިކަމަށް އައި ނަމަވެސް އެ ބަޔަކަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވިކަން އިއުލާނުކުރައްވާފައި އެވެ.
ސޫރިޔާގެ ރިޔާސަތަށް ހިމާޔަތްދޭ ސިފައިންގެ ސްޕެޝަލް ފޯސްގެ ދެ އޮފިސަރަކު ރޮއިޓާސްއަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ ސިފައިންގެ ހިމާޔަތުގައި ރައީސް ބައްޝާރާއި އޭނާގެ އާއިލާ މަތިންދާ ބޯޓެއްގައި ސޫރިޔާ ދޫކުރައްވައި ފިއްލަވައިގެން ވަޑައިގެންފިކަމަށާއި ނަމަވެސް ބައްޝާރު ވަޑައިގެންނެވި ގައުމެއް އަދި ސާފުނުވާ ކަމުގަ އެވެ.