ޑިޕްލޮމެޓިކް ޕާސްޕޯޓަށް ވިސާ ނުނަގައި އޮމާނަށް ދެވޭގޮތަށް މިއަދުވަނީ އެއްބަސްވުމެއް ހަދާފައި -- / ފޮރިން މިނިސްޓްރީ
ހަބަރު
ރައްޔިތުން ބާކީކޮށް ސަރުކާރުގެ ވެރިން އެކަނި ވިސާ ނުނަގައި އޮމާނަށް ދެވޭގޮތް ހަދައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
12 ޑިސެމްބަރު 2024
މާލެ ސިޓީ

ޑިޕްލޮމެޓިކް، ސްޕެޝަލް ސާވިސް އަދި އޮފިޝަލް ޕާސްޕޯޓް ހޯލްޑަރުންނަށް ވިސާއާ ނުލައި އޮމާނަށް ދެވޭގޮތަށް ރާއްޖެއާ އޮމާނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް އޮމާނަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ހާރިޖީ ވަޒީރު ސައްޔިދް ބަދުރު އަލްބުސައިދީއާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މިހާރު ދިވެހިންނަށް ވިސާއާ ނުލާ އޮމާނަށް ދަތުރުކުރެވެނީ ހާއްސަ ޝަރުތުތަކެއް ފުރިހަމަވެގެންނެވެ. އޭގެ ތެރޭގައި ވަކި ގައުމުތަކެއްގެ ވިސާ އޮތުން ހިމެނެއެވެ. މި އެއްބަސްވުމުގެ ސަބަބުން ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް ހޯލްޑަރުންނަށް މި ޝަރުތުތަކުން އިސްތިސްނާ ލިބިގެންދާނެއެވެ.

ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓު އޮންނަ ދިވެހިންނަށް ވިސާ ނެތި އޮމާނަށް ދެވޭގޮތަށް އެއްބަވުމެއް ސަރުކާރުން ހެދިއިރު، މިދިޔަ މަހު 15ގައިވަނީ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓު އޮންނަ ދިވެހިންނަށް ވިސާ ނެތި އަޒަރުބައިޖާނަށް ދަތުރުކުރެވޭ ގޮތަށް ވެސް އެއްބަސްވުމެއް ހަދައިފައެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވުމަށް ފަހު "ވިސާ ފްރީ" ވަނީ ހަމައެކަނި ސަރުކާރު ވެރިންނަށް ނުވަތަ ޑިޕްލޮމެޓިކް، ސްޕެޝަލް ސާވިސް އަދި އޮފިޝަލް ޕާސްޕޯޓް ހޯލްޑަރުންނަށް ވިސާއާ ނުލައި ދަތުރު ކުރެވޭ ގޮތް ހަދަމުން އަންނާތީ އާންމުންގެ ގިނަ ފާޑުކިޔުން ސަރުކާރުގެ ފޮރިން ޕޮލިސީ އަށް ވަނީ އަމާޒުވެފަ އެވެ.

ނިމުނު ސަރުކާރުތަކުން ވިސާ އެއް ބަސްވުންތަކުގައި ގައުމަކާއިއެކު ސޮއި ކުރަނީ އެ ގައުމުތަކަށް ހުރިހާ ދިވެހިންނަށް އޮން އެރައިވަލް ދޭ ނަމަ އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved