ބްރޯޑްކޮމްއަށް ކޮމޭޑިއަންއެއް އައްޔަންކޮށްދޭން ރައީސް ޑރ. މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފި އެވެ.
ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާނުކުރުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުންގެ ނަންފުޅާއި އެ ބޭފުޅުންގެ މައުލޫމާތު އެ މަގާމުތަކަށް އައްޔަންކުރުމަށް އިސްކަންދޭ ތަރުތީބުން ހުށަހަޅުއްވާފަ އެވެ.
ރައީސް މުއިއްޒު ހުށަހެޅުއްވި ނަންތައް ތަރުތީބުން
މުހައްމަދު އަބްދުﷲ (މުހައްމާ)، އުސްއަކުރުގެ، ހއ. އިހަވަންދޫ
އިބްރާހީމް މުއާޒު އަލީ، ހަޒާރުމާގެ، ނ. ފޮއްދޫ
އިބްރާހީމް އަޝްރަފް، ވ. މަށިވެލި
ލެފްޓިނެންޓް ކާނަލް ރިޓަޔަޑް ޒުބައިރު އަހުމަދު މަނިކު، ގ. މަލްވިނަ
އަބްދުﷲ ހުމައިދު، ފަޒާ، ޅ. ހިންނަވަރު
އާއިޝަތު ދިޔާނާ ތޯހިރު، ސެވަން ސްޓާ، ސ. ހިތަދޫ
އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
ޝިމްލާ އަހުމަދު، އާސްޓްރަލްގެ، ސ. ހިތަދޫ
އިސްމާއީލް ޝަފީގު، މ. ސްލީޓް
ޝިފްޒާ މުސްތަފާ، މާދަނޑު، އާސާނު، ޏ. ފުވައްމުލައް
އަލީ ނިޝާން، ގ. ކޫލް ގްރާސް
މުހައްމަދު ޝަމީމް، ހ. ޕްރިޓީ ވިލާ
މި މަގާމަށް މީހުން އައްޔަންކުރަން އެ ބޭފުޅުންނާ އިންޓަވިއުކުރުމުގެ މަސައްކަތް ކުރަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނެވެ. އެ ކޮމެޓީން އާންމުކޮށް އެފަދަ މަގާމުތަކަށް އިންޓަވިއު ކުރަނީ ވެސް ރައީސް އިސްކަން ދެއްވާފައިވާ ތަރުތީބުންނެވެ.
މި ބޭފުޅުންގެ ތެރެއިން ކުރިން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ މުހައްމަދު އަބްދުﷲ (މުހައްމާ) އަކީ ދިވެހިންގެ މެދުގައި މަގުބޫލުވެފައި ވަނީ ކޮމޭޑިއަންއެއްގެ ގޮތުގަ އެވެ. މުހަންމާ ވަނީ މިހިނގާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރިމަތިލުމަށް ޕީއެންސީގެ އިހަވަންދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާފައެވެ. ނަމަވެސް އެ އިންތިޚާބުން އޭނާ ވަނީ ނާކާމިޔާބާ ކުރިމަތިލާންޖެހިފައެވެ.
މިހާރު ސިޔާސީ މަސައްކަތުގައި އުޅުއްވާ އިބްރާހީމް މުއާޒު އަލީ ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރައްވާފަ އެވެ. ޕީޕީއެމްގެ ސަރުކާރު ބަދަލުވުމާ އެކު މުއާޒު ވެސް އެ ޕާޓީއާ ދުރަށް ޖެހުނެވެ. އެކަމަކު، މި ފަހުން އަނެއްކާވެސް މުއިއްޒު ސަރުކާރަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވަ އެވެ.