April 15, 2026
Advertisement
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް / ސޯޝަލް މީޑިއާ

ޑްރަގް ޓްރެފިކް ކުރި އަންހެނަކު 12 އަހަރަށް ޖަލަށް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 15, 2024, 11:09 PM
މާލެ ސިޓީ

ޑައިމޯފިން ޓްރެފިކް ކުރަން އުޅުން އަންހެނަކު 12 އަހަރަށް ޖަލަށްލައި، 50،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

Advertisement

ކްރިމިނަލް ކޯޓުން މި ހުކުމްކޮށްފައިވަނީ ގދ. މަޑަވެލީ އުދަރެސްގޭ ސަހާ ވަހީދުގެ މައްޗަށެވެ.

ދައުލަތުން ހުށަހެޅި ދައުވާގައިވާ ގޮތުން، މި އަހަރުގެ އޮގަސްޓު ހަތްވަނަ ދުވަހުގެރޭ ސ. ގަމަށް ދިއުމަށް އޭނާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ޑޮމެސްޓިކް ޓާމިނަލުގެ ސެކިއުރިޓީ ޗެކިންއަށް ދިއުމުން، ލައިގެންހުރި ޖިންސުގެ ތެރެއިން ދެ ރަބަރު ޕެކެޓު ފެނުނެވެ. އޭގައި ޖުމްލަ 202.2 ގްރާމުގެ ޑައިމޯފިން ހުރި ކަމަށް ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް ދައުވާ ފޯމުގައި ދައުލަތުން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި ސަހާ ވަނީ ދައުވާ އަށް އިއުތިރާފްވެފަ އެވެ. އަދަބާއި ގުޅޭގޮތުން ވާހަކަދައްކަމުން ސަހާ ވަނީ އަދަބު ކަނޑައަޅާއިރު ބަންދުގައި ހުރި މުއްދަތު އުނިކޮށްދޭން އެދިފަ އެވެ. އޭނާ ވަނީ ބަންދުގައި ހަތަރު މަހާއި ތިން ދުވަސް ހޭދަކޮށްފަ އެވެ.

ނަމަވެސް މި މައްސަލައިގައި ކޯޓުން ކުރި ހުކުމުގައި އަދަބު ކަނޑައެޅުމުގައި ރިއާޔަތް ކުރީ ސަހާ އާއި ޕްރޮސެކިއުޓާ ޖެނެރަލްއާ ދެމެދު ވެފައިވާ އިއުތިރާފް އެއްބަސްވުމަށެވެ. އެގޮތުން އޭގައި ދެ ފަރާތުން ވެސް އެއްބަސްވީ 12 އަހަރާއި ހަ މަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު، 50،000ރ. އިން ޖޫރިމާނާ ކުރުމުގެ އަދަބެވެ.

ކޯޓުން ވަނީ ޖޫރިމަނާ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި މީރާ އަށް ދައްކައި ހަލާސްކުރަން އަންގާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved