އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން / އެމްޑީޕީ
ހަބަރު
ރޯވި އަލިފާނުގެ ހާދިސާގައި ޝައްކު ކުރެވޭ އެތައް ކަމެއް ހުރިކަމަށް ބުނެ އެމްޑީޕީން އެދެނީ ފުރިހަމަ ތަހުގީގަކަށް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
16 ޑިސެމްބަރު 2024
މާލެ ސިޓީ

ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާ މިނިވަން ތަހުގީގެއް މުހިންމު ކަމަށާއި މިކަން ބަލައި ދިނުމަށް ފުލުހުންނާއި އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަަޅަން އެމްޑީޕީން ނިންމައިފި އެވެ.

އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވީ މި ބޮޑު އަލިފާމުގެ ހާދިސާ އަކީ "ރާވައިގެން" ހިންގާފައިވާ ކަމެއް ކަމަށް ބެލެވޭ އެތައް ކަމެއް ފެނިފައިވާ ކަމަށެވެ. އެގޮތުން އަލިފާން ނިއްވަން މަސައްކަތް ނުކޮށް، ކުޅިވަރު ބަލަން ކަމާބެހޭ އިދާރަކުގެ މީހުންނާއި ސަރުކާރުގެ އިސް ބޭފުޅުން ވެސް ތިއްބެވި ކަމަށް ބުންޏެވެ.

އަދި އަލިފާންގަނޑު ކޮންޓްރޯލްކުރީ އިމާރާތްތައް އަނދައި ހުލިވެ، ދެން އަދާނެ އިތުރު އެއްޗެއް ނެތް ހިސާބަށް ދިއުމުން ހަ ގަޑީއޮރަށް ވުރެ ގިނަ ވަގުތުވީ ފަހުން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ. އެ ޕާޓީން ބުނީ މި ހާދިސާއާ ގުޅިގެން ދައުރުވެފައިވާ ބައެއް ވީޑިއޯތަކަށް ބަލާ އިރު ވެސް، އަލިފާން ނިއްވަން އެއްވެސް މަސައްކަތެއް ކުރިން ކޮށްފައި ނުވާކަން ފާހަގަވާ ކަމަށެވެ.

"ފުރަތަމަ ކަމަކަށް މި ހާދިސާގައި މިނިވަން ތަހުގީގެއް ހިންގުމަކީ މުހިންމު ކަމެއް ކަމަށް ފެނޭ. އެކަމަށް އެދި އަޅުގަނޑުމެން ފުލުހުންނަށް ރިކުއެސްޓެއް އެބަ ކުރަން ޖިނާއީ މައްސަލައެއް ގޮތުގައި މައްސަލަ ތަހުގީގު ކޮށްދިނުމަށް ހާދިސާ ހިނގާފައި ވަނީ ކިހިނެއްތޯ ހޯދުމާ އެކީގައި. އަދި އޭގައި ސިފައިންގެ އެހީތެރިކަމަށް އެދުމާއި ސިފައިން ބައިވެރި ކުރުން އެއީ ވެސް އަޅުގަނޑުމެން އެދޭ ކަމެއް،"

- މަހުފޫޒް

އޭގެއިތުރުން މަހްފޫޒް ވިދާޅުވީ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯއްދެވުމަށް ސަރުކާރުން ނިންމިއިރު، ހާދިސާ ހިނގި ސީން ރޫޅާލައި އެތަން ސާފު ކުރުމުން ސުވާލު އުފެދޭ ކަމަށެވެ.

އެގޮތުން އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ކުރި ކަމަކަށްވާނަމަ، އެތަން ސާފު ކުރުމަކީ ހެކި ނައްތާލުމުގެ އަމަލެއް ކަމަށާއި އެކަމާ ގުޅިގެން ކަންބޮޑުވާ ކަމަށް މަހްފޫޒް ފާހަގަ ކުރެއްވި އެވެ.

މިއަދުގެ ނޫސް ކޮންފަރެންސްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލު ވަނީ ރޯވި ހާދިސާ އަކީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ޒިންމާ ނަގަން ޖެހިވަޑައިގަންނަވާނެ ހާދިސާއެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނަ އިސްތިއުފާ ދެއްވުމަށް ވެސް ނާޒިލު ގޮވާލެއްވި އެވެ.

އެ ހާދިސާއާ ގޮތުން މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝުޖާއު ވިދާޅުވީ، މައްސަލައިގެ ތަހުގީގުގައި ބޭރުގެ ތަޖުރިބާކާރުން ހިމެނޭ ޓީމެއް ވީހާވެސް އަވަހަށް ބައިވެރިކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އުއްމީދަކީ ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެ ޓީމާ ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތް ވުން ކަމަށެވެ.

އޭނާ ވިދާޅުވީ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ފޮރެންސިކް ޓީމުން މިހާރު އިމާރާތް ހުރި ތަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓެޖް މިހާރު ނަގައި، އެނެލިސިސް ހެދުމުގެ މަސައްކަތާއި އިމާރާތުން ސާމްޕަލްތައް ނެގުމުގެ މަސައްކަތްކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.

ސުޖާއު މިހެން ވިދާޅުވިއިރު އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭރުގެ ޓީމު އައުމުގެ ކުރިން އަލިފާން ރޯވި ސަރަހައްދު ފޮޅާ ސާފުކޮށްފައިވާތީ ގިނަ ބަޔަކު އައްނަނީ ސުވާލު އުފައްދަމުން ނެވެ. ސަބަބަކީ ފޮޅާ ސާފުކުރުމުން ހެކި ގެއްލިފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ސިޓީ ކައުންސިލުން ބުނީ، އެ ކައުންސިލްގެ ލޭންޑް ޑިޕާޓްމަންޓުގެ 90 އިންސައްތަ ލިޔެކިޔުން ސަލާމަތް ކުރެވުނު ކަމަށެވެ. އަދި ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާ ގުޅުންހުރި އެއްވެސް ލިޔެކިޔުމެއް ނުގެއްލޭކަމަށް އިންފްރާންސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭނާ ގުޅުން ހުރި ބައެއް ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވި އެވެ. އަދި އެ ތަނުގެ ސާވާތައް ސަލާމަތްވާނެ ކަމަށް ނުބެލެވޭ ކަމަށް ހައިދަރު ވަނީ ވިދާޅުވެފަ އެވެ.

އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި، ބުރާސްފަތި ދުވަހު އަލިފާން ރޯވި ކަމުގެ ރިޕޯޓް ލިބުނީ 06:27 ހާއިރެވެ. އަދި އަލިފާންގަނޑު މެންދުރު ކޮންޓްރޯލް ކުރެވި، ހަވީރު އެއްކޮށް ނިއްވާލެވުނު ކަމަށް ބުނެފައިވެ އެވެ. އަލިފާންގަނޑު ނިއްވާލެވުނު ލެއް ލަސްކަމުން ގިނަބައެއްގެ ފާނޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved