ހައްޔަރުކޮށްފައިވާ ޑްރައިވަރުންނާއި ޓޯކޮށްފައިވާ ޓެކްސީތައް ވަގުތުން ދޫކޮށްލަން ގޮވާލައިފިއެވެ.
މިފަދައިން ގޮވާލާފައިވަނީ ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ހުކުރު ދުވަހުގެރޭ ކުރި އިހުތިޖާޖުގައި މަގުތަކަށް ކާރުތައް ނުކުތީ އެމީހުންގެ ވެސް ހައްގުތައް ކަށަވަރުކުރުމަށް ކަމަށާ އެއްގޮތަކަށްވެސް އާންމުންނަށް އުނދަގޫވާ ގޮތަށް ކަމެއް ކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އަދި އެރޭގެ އިހުތިޖާޖުގެ ވަގުތު އާންމުންނަށް ދިމާވި ދަތިތަކަށް އެ ޖަމްއިއްޔާގެ ފަތާުން މައާފަށް އެދޭ ކަމަށާ އެފަދަކަމެއް ތަކުރާރުނުވާނެކަމުގެ ޔަގީންކަންވެސް އަރުވާފައިވެއެވެ.
މިއާއެކު އެރޭގެ އިހުތިޖާޖުގައި ހައްޔަރުކުރި ޑްރައިވަރުންނާ އެ ޖަމްއިއްޔާގެ އިންތިޒާމު ސެކެރެޓަރީ ވެސް ބަންދުން ދޫކޮށްލުމަށް ގޮވާލާ ބަޔާނުގައި އިތުރަށް ވަނީ ކޮންމެ މީހަކުވެސް އިހުތިޔާރުކުރާ ވަޒީފާއެއް އާމްދަނި ހޯދުމަށް ކުރުމަކީ އެއީ ލިބިދޭ ހައްގެއް ކަމަށަ އެހެންކަމުން އެތައް ބައެއްގެ ބަނޑުފުރާ މުއްތިކުރުމަށް ކުރާ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ޓެކްސީތަކެއް 30 ދުވަހުގެ މުއްދަތަކަށް ޓޯކޮށްފައިވާތީ އެ ޓެކްސީތައްވެސް ވަގުތުން ދޫކޮށްލުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން ޑްރައިވަރުން ހައްޔަރުކުރުމާއި ކާރުތައް ޓޯކުރުމަކީ މާލީ ގޮތުން ޑްރައިވަރުންނަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށާއި އެއީ އަނިޔާވެރިކަން ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
ޖަމިއްޔާއިން މިފަދަ ބަޔާނެއް ނެރެފައިވާއިރު ހައްޔަރުކޮށްފައިވާ ޓެކްސީ ޑްރައިވަރުން ދޫކޮށްލަން ދެން ހަމަހިމޭން އިހުތިޖާޖެއް ކުރިއަށްގެންދަން ޓެކްސީ ޑްރައިވަރުން ވަނީ ނިންމާފައެވެ.