އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސް: އުރީދޫގެ ހިދުމަތްތައް ޓެކްފިން މޯލްޑިވްސްގެ ދަށަށް ބަދަލުކުރަނީ / އުރީދޫ
ވިޔަފާރި
އުރީދޫ އެމްފައިސާގެ ހިދުމަތްތައް ޓެކްފިން މޯލްޑިވްސްގެ ދަށަށް ބަދަލުކުރަން ފާސްކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
17 ޑިސެމްބަރު 2024
މާލެ ސިޓީ

އުރީދޫ މޯލްޑިވްސްގެ އީ-ވޮލެޓު، 'އެމް-ފައިސާ'ގެ ހިދުމަތް ދިނުމަށް އުފެއްދި ސަބްސިޑަރީ ކުންފުނި ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ %100 ހިއްސާ އޯއެފްޓީ އިންޓަނޭޝަނަލްއަށް ވިއްކައި ބަދަލު ކުރުމަށް ރޭ ފާސްކޮށްފި އެވެ.

ޓެކްފިން މޯލްޑިވްސްގެ 100 ޕަސެންޓު ހިއްސާ ބަދަލުކުރަން ނިންމައި އެ ކުންފުނީގެ ހިއްސާދާރުން އެކަން ފާސްކުރީ އުރީދޫ މޯލްޑިވްސްއިން ބޭއްވި އެކްސްޓްރާއޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް)ގަ އެވެ.

ޓެކްފިން މޯލްޑިވްސްގެ ހިއްސާ ބަދަލުކުރި އޯއެފްޓީ އަކީ އުރީދޫ ގްރޫޕުގެ ދަށުން ހިންގާ ކުންފުންޏެކެވެ.

އުރީދޫއިން ބުނީ ޓެކްފިންގެ ދަށަށް އެމް-ފައިސާ ގެނައީ ކަސްޓަމަރުންނަށް މާލީ ހިދުމަތުގެ ދާއިރާއިން ދެމެހެއްޓިނިވި ގޮތެއްގައި ހިދުމަތްތައް ދިނުމުގެ ގޮތުން ކަމަށެވެ.

އަންނަ އަހަރު ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން އެމް-ފައިސާގެ ހިދުމަތްތައް ލިބޭނީ ޓެކްފިންގެ ދަށުންކަން ފާހަގަކޮށް އުރީދޫއިން ބުނީ ކަސްޓަމަރުންގެ ހުރިހާ ޑޭޓާ އަދި މައުލޫމާތުތަކެއް ޓެކްފިންއަށް ބަދަލު ކުރާނެ ކަމަށެވެ.

މި ބަދަލާ އެކު އެމް-ފައިސާގެ ހިދުމަތްތައް ދޭނީ ޓެކްފިން މޯލްޑިވްސްގެ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އުރީދޫން ބުނީ އޯއެފްޓީ އަކީ ފައިނޭންޝަލް ޓެކްނޮލަޖީގެ ގިނަ ތަޖުރިބާ އާއި ވަސީލަތްތައް ހުރި ކުންފުންޏަކަށް ވާތީ، މިއީ ޓެކްފިން ހިދުމަތްތައް ދިނުމަށް އުރީދޫ ގްރޫޕުގެ ކުންފުނިތަކުން އުފައްދާފައިވާ ސަބްސިޑަރީ ކުންފުނިތަކަށް ވެސް އެންމެ ފައިދާވާނެ ގޮތް ކަމަށެވެ.

ޓެކްފިން އަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޕޭމަންޓް ސާވިސް ޕްރޮވައިޑާ (ޕީއެސްޕީ) ލައިސަންސް ދޫކުރީ މިދިޔަ ސެޕްޓެމްބަރުގަ އެވެ.

އެމް-ފައިސާ ޕްލެޓްފޯމްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުގައި މާލީ މުއާމަލާތްތަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންނަށް ފައިސާ ދެއްކުމާއި، ފައިސާ ޓްރާންސްފާ ކުރުމާއި، ރެމިޓެންސްގެ ހިދުމަތް ހޯދުމުގައި ފަސޭހަ އަދި ހަރުދަނާ މަގެއް ވަނީ ފަހިކޮށްދީފަ އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved