

އައިލެންޑް އޭވިއޭޝަން ސަރވިސަސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރު އައިޝަތު ޖެނިފާ ވަޒީފާއިން ވަކިކުރި މައްސަލައިގައި އެއްވެސް ފިޔަވަޅެއް އަދި ނޭޅުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޖެނިފާ އައްޔަންކުރީ ޑިސެމްބަރު 2018 ގައެވެ. އޭނާ މިދިޔަ ޖެނުއަރީ މަހު އެ މަގާމުން ވަކިކުރީ އެ ކުންފުނީގެ ބޯޑުން ނިންމި ނިންމުމަކުންނެވެ.
އެ މައްސަލަ ޖެނިފާގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ ޓްރައިބިއުނަލުން ނިންމީ ޖެނިފާ މަގާމުން ވަކިކުރީ ވަޒީފާއިން ވަކިކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެގެން ނޫން ކަމަށާއި އޭނާ ވަކިކުރީ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމެއް ނެތި ކަމަށެވެ.
އެހެންވެ އޭނާއަށް އަލުން ވަޒީފާ ދިނުމަށާއި މައްސަލަ ނިމުނު މުއްދަތާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައްވެސް ދޭން ޖެހޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.
އެކަމަކު އެ ނިންމުން، އައިލެންޑް އޭވިއޭޝަނުން މިދިޔަ ނޮވެމްބަރު މަހު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
އައިއޭއެސްގެ ޑީއެމްޑީގެ މަގާމުގެ މުސާރައިގެ ގޮތުގައި ޖެނިފާއަށް މަހަކު 34،304ރ. ލިބިވަޑައިގެންނެވިއިރު، އެ މަގާމުގެ އެހެން އިނާޔަތްތަކުގެ ގޮތުގައި 21،867ރ.އޭނާއަށް ދިނެވެ.
ޖެނިފާ އަލުން ވަޒީފާއާ އަށް ނެރެ، އޭނާއަށް 57،171 ރުފިޔާގެ ބަދަލު ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކޮށްފައިވާ އަމުރު، ހައިކޯޓުން ހުއްޓުވީ އެ މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އަންގާރަ ދުވަހު ނެރުނު އަމުރުގަ އެވެ.
މި އަމުރުގައި ބުނެފައިވަނީ އިސްތިއުނާފުގެ މައްސަލަ ބަލައި ގޮތެއް ނިމެންދެން ނުވަތަ އެ ނޫން ގޮތެއް އަންގަންދެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކުރުން މަޑުޖައްސާލަން އަންގާ ކަމަށެވެ.