ނިރުބަވެރި ޔަހޫދީން ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް އިތުރު ކުރަން ފަށައިފިއެވެ.
ނިމިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ޣައްޒާގެ އެކި ހިސާބުތަކަށް ބޮންއަޅައި 107 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ.
ޔަހޫދީންގެ މި ޢުދުވާނަށް ނިމުމެއް ގެނައުމަށް ޤަޠަރާއި މިޞްރުން ގުޅިގެން ވަނީ އެއްބަސްވުމެއްގެ ދެލިކޮޕީ ތައްޔާރު ކޮށްފައެވެ. އަދި, ޙަމާސް ޖަމާޢަތުން ދަނީ މި އެއްބަސްވުން ދިރާސާ ކުރަމުންކަމަށް ވަނީ މައުލޫމާތު ދީފައެވެ.
މި އެއްބަސްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން މިހާރު ގެންދަވަނީ މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ދަތުރުފުޅެއް ކުރައްވަމުންނެވެ. ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ވަޑައިގެންނެވުމަށް ފަހު މިހާރު އޭނާ ހުންނެވީ މިޞްރުގެ ވެރިރަށް ޤާހިރާގައެވެ.
ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙަށް ޢުދުވާން ފުޅާ ކުރަން ތައްޔާރުވަމުންދާ ކަމަށް ޔަހޫދީން އިޢުލާނު ކޮށްފައިވާ މި ދަނޑިވަޅުގައި, ޣައްޒާގެ ރައްޔިތުން ތިބީ ބްލިންކަންގެ ދަތުރުފުޅާ އެކު, ޢުދުވާންތައް ނިމުމަކަށް އަންނާނެ ކަމުގެ އުންމީދާ އެކުގައެވެ. ޣައްޒާގެ އުތުރާއި މެދުތެރޭގެ ސަރަޙައްދަށް ޔަހޫދީ ފައުޖުން ދިން ޙަމަލާތަކުން ސަލާމަތްވުމަށް މިލިޔަނަކަށް ވުރެ ގިނަ މީހުން ވަނީ ރަފަޙަށް ދަތުރު ކޮށްފައެވެ.
ޔަހޫދީންނާއި ޙަމާސް ޖަމާޢަތާ ދެމެދު އެކުލަވައިލަން މަސައްކަތް ކުރާ އެއްބަސްވުމުގައި އެމެރިކާއިން ބައިވެރިވެފައި މި ވަނީ ޔަހޫދީންގެ ދިފާޢުގައެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 27,585 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 11,500 އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 66,630 އަށް އުފުލިފައިވާއިރު, އޭގެ ތެރޭގައި 8,600 އަށްވުރެ ގިނަ ޢަދަދަކަށް ކުޑަކުދިން ހިމެނެއެވެ.