ސަރުކާރު ތެރެއިން ސަރުކާރަށް ކުރާ ތަދުގައި ބޭސްއަޅާ ފަރުވާދިނުމަށް ފަހު ރައްޔިތުންނަށް ޚިދުމަތްކުރާނެ ވަގުތެއް ރައީސް މުހައްމަދު މުއިއްޒަށް ނޯންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު އަިރހުގައި ގެންގުޅޭ ތަންދޮރު އޮޅުން ނުފިލާ ބޮޓުންގެ ސަބަބުން ރައީސް މުއިއްޒަށް ރައްދުވާން ނުޖެހޭ ބަދު ބަސް ދަނީ ރައްދުވަމުން ކަމަށާ އެގޮތުން ޔޫތު މިނިސްޓަރީގެ ނައިބުންގެ ގޮތުގައި ކުރިން ހުރި މަރިޔަމް ޝިއުނާމެން ފަދަ މީހުންގެ ސަބަބުން ރައީސް މުއިއްޒުގެ އަގު ވެއްޓެމުން ދާ ކަމަށެވެ.
އިންޑިއާ އައުޓު ހަރަކާތަކީ އެމަނިކުފާނާ އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ގިނަ ބަޔަކު ވެސް ހިންގި ހަރަޚާތެއް ކަމަށަ ނަމަވެސް މި ސަރުކާރު އައިސް އެކަން ކުރަން ރައީސް މުއިއްޒު ޝިއުނާމެންނާ ހަވާލުކުރުމުން އެކަން ކުރި ގޮތުގެ ނޭނދެވޭ ނަތީޖާއެއް ނުކުމެ އިންޑިއާ އާ އެކު ފަޔަރ ފައިޓީންއަކަށް ދިޔަ ދިއުން އަދިވެސް ހަމައަކަަށް ނޭޅި އޮއްވާ ޝިއުނާ މިހާރު ސުނާމީގައި ގެދޮރު ގެއްލުނު މީހުންގެ ބޯހިޔާވަހިކަމާ ގުޅޭގޮތުންވެސް ދޮގުތައް ފަތުރަމުްނދާއިރު ރައީސް މުއިއްޒު ބަސްފުޅެއް ވިދާޅުނުވެ ހުންނަވާ ހުންނެވުމުން ހާމަވަނީ އެއީ ރައީސް މުއިއްޒު އަންގަވައިގެން ޝިއުނާމެން ކުރާ ކަންކަމަށް ޔަގީންވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ނަމަވެސް އޭގެ ސަބަބުން ގެއްލުން ވަނީ ހަމަ ސަރުކާރަށް ކަމަށާ އެހެން ކުރާ ކަންކަމުން ލިބޭ ގެއްލުން ފޫބައްދާ ހަމައަކަށް އެޅުވުން ނޫންކަމެއް ކުރާނެ ވަގުތެއް ރައީސް މުއިއްޒަށް އެހެންކަމުން ލިބިވަޑައިނުގަންނަވާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ޝިއުނާމެން ފަދަ ނާގާބިލް މީހުންނާ ހެދީ ރައީސް މުއިއްޒަށް ރައްދުވާން ނުޖެހޭ ބަދުބަސް ދަނީ ރައްދުވަމުން. އެހެންކަމުްނ ސަރުކާރު ތެރެއިން ސަރުކާރަށް ކުރާ ތަދުގައި ބޭސްއަޅާ ފަރުވާދިނުމަށް ފަހު ރައްޔިތުންނަށާ ޒުވާނުންނަށް ޚިދުމަތްކުރާނެ ވަގުތެއް ނޯވޭ. އަބަދު މިޖެނެީ މިކަންކަމަށް ފަޔަރ ފައިޓުކުރަން. ހަދާ ގޮސް ރަގަޅުކުރަން ބަޔަކު ނުކުންނަހާ މިވަނީ.
އެރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ 2004 ވަނަ އަހަރު އެރި ސުނާމީގައި ގެދޮރު ގެއްލުނު ފަރާތްތަކުގެ ތެރެއިން ބޯހިޔާވަހިކަން ނުލިބި ތިބި ހުރިހާ ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނީ ރައީސް މުހައްމަދު މުއިއްޒު ކަމަށް އެމްއޭސީއެލްގެ މުވައްޒަފެއް ކަމަށްވާ މަރިޔަމް ޝިއުނާ ބުނެފައިވާ ބުނުމަށް އިޝާރާތްކުރައްވާ އެކަން ހިނގި ގޮތް ރައްޔިތުންނަށް ސާފުކޮށްދެއްވާ، އަދި ކަންކަމުގެ ހަގީގަތް ނޭނގޭވަރު ކުދިން ނެރެގެން ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ކަންކަން އޮޅުވާލަން މަސައްކަތްކުރާތީ ނުރުހުން ވެސް އަމާޒުކުރައްވާފައެވެ.