އެމްޑީޕީ މެމްބަރުންނަށް ނޭނގި ޕީއެންސީއަށް ވައްދާ މައްސަލަ ކުށްވެރިކޮށްފިއެވެ.
އެމްޑިޕީގެ ގައުމީ މަޖިލިސް މެމްބަރުންނާ އަދި އާންމު މެމްބަރުންނަށްވެސް ނޭނގި އެ މެމްބަރުން ވެރިކަން ކުރާ ޕީއެންސީއަށް ވަނީ ވައްދާފައެވެ.
އެކަމާ ގުޅިގެން އެމްޑީޕީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައިނުވާ އެ ޕާޓީގެ ބައެއް އާންމު މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުން ވެސް އެމްޑީޕީގެ ދަފުތަރުން އުނިކޮށް، ޕީއެންސީގެ ހިމަނާފައިވާތީ އެ މައްސަލަ އެންމެ ހަރުކަށި އިބާރާތުން އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ.
"އެހެނިހެން ބައެއް ޕާޓީތަކުގެ ދަފުތަރުގައި ވެސް އެމްޑީޕީގެ މެންބަރުން ހިމަނާފައިވާއިރު މި މައްސަލަތައް ބަލައިދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ރަސްމީކޮށް މި ޕާޓީގެ ފަރާތުން ހުށަހަޅާނެ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެ ޕާޓީން ވަނީ، ޕީއެންސީއަށް އެއް ލައްކަ މެންބަރުން ހަމަކުރަން ކަމަށް ބުނެ، މީހުންގެ ސޮއި ފޯޖުކޮށްގެން ފޯމު ހުށަހަޅާ ކަމަށާއި ދައުލަތުގެ ހުރިހާ އިދާރާއަކަށް ނުފޫޒު ފޯރުވައި އެކަން ފޮރުވުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވެސް ތުހުމަތުކޮށްފައެވެ.
އެމްޑީޕީން ވަނީ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމަށް މިހާރު ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާއަތްތައް އިތުރަށް ހަރުދަނާކޮށް ވަގު ފޯމު ފުރައިގެން ޕީއެންސީގެ ދަފުތަރަށް މީހުން އިތުރުކުރަން ހުރި ދޮރުތައް ބަންދުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައެވެ.
މީގެ އިތުރުން، ސަރުކާރުގެ މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ ޕީއެންސީއަށް ފޯމު ފުރައި މެމްބަޝިޕް އިތުރު ކުރަމުންދާ ކަމަށް އެ ޕާޓީން އަނެއްކާ ވެސް ތުހުމަތުކުރިއެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީން ގޮވާލިއެވެ.
ހަމައެހެންމެ ސޮއި ފޯޖުކޮށްގެން ޕީއެންސީގެ ދަފުތަރުގައި މީހުން ރަޖިސްޓްރީ ކުރަމުންދާ މައްސަލަތައް ތަހުގީގު ކުރުމަށް ވެސް ބަޔާނުގައި މުއައްސަސާތަކަށް ގޮވާލާފައިވެއެވެ.