ބޭރު މީހުން އިންވެސްޓު ކުރުމަށް އެދޭނަމަ ފުރަތަމަ ކަމަކަށް މި ގައުމުގެ ވިޔަފާރިވެރިންނަށް މި ގައުމުގައި އިންވެސްޓުކޮށްގެން ކުރިއަށްދެވޭނެ ފަހި މާހައުލެއް އޮންނަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ، އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ފުރަތަމަ ކަމަކަށް، މި ގައުމަކީ ބޭރު މީހުން އިންވެސްޓު ކުރުމަށް އެދޭ ގައުމަކަށް ވާނީ މި ގައުމުގައި ފަހި ވިޔަފާރި މާހައުލެއް އޮވެގެން ކަމަށާއި ނަމަވެސް މިއަދު ފެންނަނީ ދިވެހި ވިޔަފާރިތަކުގައި ވިޔަފާރި ދާއިމީކޮށް ބަންދު ޖަހާފަ ބޯޑު އަޅުވާފައި ހުރި ތަން ކަމަށެވެ.
ފުރަތަމަ ކަމަކީ މި ގައުމަކީ އެޓްރެކްޓިވް ގައުމަކަށް އިންވެސްޓް ކުރަން ބޭރު މީހުންނަށް އެޓްރެކްޓިވް ގައުމަކަށް ވާނީ މި ގައުމުގެ ވިޔަފާރިއަށް ފަހި މާހައުލެއް އޮތިއްޔާ، މި ގައުމު ވިޔަފާރިއަށް ފަހިމާހައުލެއް އޮތީވިއްޔާ އެންމެ ފުރަތަމަ އޭގެ ބެނެފިޝިއަރީޒް އަކަކަށް ވާނީ ދިވެހި ރައްޔިތުން، ދިވެހިރައްޔިތުންގެ ވަރަށް ރޯބަސްޓް އިގްތިސޯދީ މަސައްކަތްތަކެއް ފެންނާނެ، އެކަމު އަޅުގަނޑުމެނަށް ފެންނަނީ ދިމާ އިދިކޮޅެއް ނޫންތޯ..؟ ހަތަރު ލައްކަ ރުފިޔާބެ ދުވާލުގެ ސޭލް ހަދާ މީހަކަށް މިއަދު ސޭލް މި ލިބެނީ ފަސްދިޅަސް ހާސް ރުފިޔާ ދެން އަނެކެއްގެ ސޭލް މި އުޅެނީ ހައެއްކަ ހާސް ރުފިޔާ، ދެން ހުރިހާ ކުދިފަންތީގެ ތަންތަން މިހާރު އެބަހުރި ވިޔަފާރި ދާއިމީކޮށް ބަންދުވީ ޖަހާފަ ބޯޑު އަޅުވާފައި ހުރި ތަންތަން. އެހެންވީމަ ކޮބާހެއްޔޭ، މީގެ ހަމަ ދިމާ އަނެއް ކޮޅަށޭ މި ދިޔައީ. ތި އިންވެސްޓާ ކޮންފިޑެންސް ރާއްޖެއާ ހަމައިގައި، ރާއްޖޭގެ ވިޔަފާރިވެރިންނަކަށް ނެތޭ އިންވެސްޓްކޮށްގެން ކުރިއަށް ދެވޭނެ ގޮތެއް. އޭގެ މައްސަލަތަކެކޭ އެ އުޅެނީ
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އިންވެސްޓާ ކޮންފިޑެންސް އިތުރުކުރައްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ވިދާޅުވި ކަމަށާއި ނަމަވެސް އިންވެސްޓަރުންގެ އިތުބާރު އިތުރުކުރުމުގެ މާނައަކީ ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ބޮޑެތި މަސައްކަތްތަކަށް ކުރިމަތިލުމާއި ވިޔަފާރީގެ ގޮތުން ފައިދާލިބޭ ތަނަކަށް ރާއްޖެވުމުން އެމީހުންގެ ލާރި އެހެން ދިމާލަކަށް ނުގެންގޮސް ރާއްޖޭގައި އެ މީހުންގެ ފައިސާއިން ފައިދާހުރި ބޮޑެތި މަސައްކަތްތައް ކުރުން ކަމަށެވެ.
ކުދިކުދި ގައުމުތަކަށް އެ ގައުމުތަކުގައި ހުންނަ ފައިސާއިން އެކަނި ތަނަވަސްނުވާނެކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ މިހާރު ރާއްޖޭގަ ޓޫރިޒަމް ދާއިރާ ކަމަށް ވިޔަސް އެއާޓެކްސީ ކަމަށް ވިޔަސް އެއީ ކުރީގަ ހަދާފަކުރި ބޮޑެތި އިންވެސްޓްމެންޓްތައް ކަމަށާއި ސޯލިހުގެ ފަސް އަހަރާއި މިހާރު މިދާ 14 މަހުގެ ތެރޭގައި މިކަހަލަ އެއްވެސް ބޮޑެތި އިންވެސްޓްމެންޓެއް ނުފެންނަ ކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ މީގެ ކުރިން އަހަރަކު 10 ރިސޯޓު ހުޅުވިތަން ފެނިފައި އެބަހުރި ކަމަށާއި އިންވެސްޓާ ކޮންފިޑެންސްއަކީ އެއީ ކަމަށެވެ.