ރައީސް ޔާމީން / އަވަސް.އެމްވީ
ސިޔާސީ
ޑިމޮކްރަސީ ކަނު ކޮށް، ޑިމޮކްރަސީގެ އަތްފައި ބަޅު ކޮށްފި: ރައީސް ޔާމީން
Qudhrathullah Ameen
ގުދުރަތުﷲ އަމީން
31 ޑިސެމްބަރު 2024
މާލެ ސިޓީ

މިސަރުކާރުން މާ ޑިމޮކްރެޓިކު ސަރުކާރެއްގެ ގޮތުގައި ދެއްކެމުންދާއިރު ސަރުކާރުގެ އެންމެ އިސްވެރިން ވަނީ ޑިމޮކްރަސީ ކަނު ކޮށް، ޑިމޮކްރަސީގެ އަތްފައި ބަޅު ކޮށްފައިކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަށް ޒިޔާރަތް ކުރާ އެކަކު ވެސް މި ގައުމަކީ މިހާރު "ޑިމޮކްރެޓިކް ގައުމެކޭ ނުބުނާނެ" ކަމަށާއި ރާއްޖޭގެ ގާނޫނުއަސާސީއަށް މިފަހުން ގެނެވުނު ބަދަލުތަކަކީ މިއޮތްހާ ޒަމާނު ކުރި މަސައްކަތް އެތައް ހާސް މޭލެއް ފަހަތަށް ފޮނުވާލީ ބަދަލެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ގާނޫނު ދަންނަ އެންމެން ވެސް އެ އިސްލާހު ތަރުޖަމާ ކުރާނީ އެމަނިކުފާނު އެ ވިދާޅުވާ ގޮތަށް ކަމަށާއި ގާނޫނޫ އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ އެންމެ އިސް ދައުރެއްގެ ގޮތުގައި އޮންނާނީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ސަރުކާރު ޖަވާބު ދާރީކުރުން އެއީ "ސަރުކާރުން" ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ޖުޑިޝަރީން ވެސް ކުރާނެ ކަމެއް ނޫން ކަމަށެވެ.

އަދި ސަރުކާރު މިފަހުން ގާނޫނު އަސާސީ އަށް ގެނެސްފައިފާ އިސްލާހަށް ތާއީދުކޮށް ވާހަކަ ދައްކަވަނީ، ގާނޫނުއަސާސީގައި އޮތް އެއްޗެއް ނޭނގޭ މީހުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ ގާނޫނުއަސާސީއަށް ތިޔަ ގެނެވުނު އިސްލާހަކީ މިއޮތްހާ ޒަމާނު ކުރި މަސައްކަތް އެތައް ހާސް މޭލެއް ފަހަތަށް [ފޮނުވާލީ]. އެހެންވީމާ ތިޔައީ ފަހުވެރުވެރިވާންވީ ކަމެއް ނޫން. ތިޔައީ ލަދުވެތި ކަމެއް. ޑިމޮކްރަސީ ކަނު ކޮށްލީ. ޑިމޮކްރަސީގެ އަތްފައި ބަޅުކޮށްލީ ތިޔަ،

- ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ގާނޫނޫ އަސާސީއެއް އެންމަ ވަރުގަދަ މާއްދާ އަކީ ބޭނު ދައުލަތް ޖަވާބު ދާރީ ކުރުވުން ކަމަށާއި ގާނޫނުއަސާސީ ހަދަނީ ވެސް އެ ބޭނުމުގައި ކަމަށެވެ.

އަދި ވިދާޅުވީ ރައްޔިތުންގެ ބާރު ކަޑުވާލައިފަ، ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް ގާނޫނޫ އަސާސީގައި އޮންނަ މާއްދާ ބާއްވާފަ އެކަން ނުކުރެވޭގޮތް ހެދުމަކީ ދިވެހިރާއްޖެއަށް ޑިމޮކްރަސީ އައުން ނޫން ކަމަށާއި އެޖަހަނީ ޑިމޮކްރެސީގައި ކޮޅުފައިން ކަމަށެވެ.

ރައީސް ޔާމީން އެ އިޝާރާތް ކުރެއްވީ މި ފަހުން ސަރުކާރުން އެދިގެން ރައްޔިތުންގެ މަޖިލީހުން ކުއްލި އަކަށް ފާސްކުރި ޕާޓީން ކަނޑައިލުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުން ހިމެނޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކެވެ.

މި ބަދަލު ތަކަކީ ގާނޫނު އަސާސީ އާއި އަދި ހާއްސަކޮށް މާއްދާ 4 ކަށް ފުށުއަރާ ބަދަލުތަކެއް ކަމަށް ބުނެ މި އިސްލާހުތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް މިހާރު ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.

މި މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved