ގާޒާ ފުލުހުންގެ އިސް 2 ބޭފުޅަކު ޝަހީދުކޮށްލައިފި / އޭއެފްޕީ
ދުނިޔެ
ސަހްޔޫނީންގެ ހަމަލާއެއްގައި ހަމާސްގެ ފުލުހުންގެ ވެރިޔާ އަވަހާރަކޮށްލައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
03 ޖެނުއަރީ 2025
މާލެ ސިޓީ

ފަލަސްތީނުގެ ގާޒާގެ މަދަނީ ދިފާއީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާޒާގެ ދެކުނުގައި އޮންނަ ހާން ޔުނިސް ސިޓީގެ ހުޅަނގުން އޮންނަ އަލްމަވާސީ ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ޓެންޓަކަށް ސަހްޔޫނީންގެ ބޯޓުން ދިން ބޮމުގެ ހަމަލާގައި 11 މީހުން ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ތިން ކުޑަކުދިންނާއި ދެ އަންހެނުން ހިމެނޭ ކަމަށެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ބުނީ ހާން ޔޫނުސްގެ އަލް މަވާސީ ސަރަހައްދަށް ސަހްޔޫނީން ދިން ހަމަލާތަކެއްގައި އަވަހާރަކޮށްލީ ގާޒާ ފުލުހުންގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައިި ހުންނެވި މޭޖާ ޖެނެރަލް މަހުމޫދު ސަލާހާއި ޕޮލިސް ކޮމާންޑް ކައުންސިލްގެ ސީނިއާ އޮފިސަރު މޭޖާ ޖެނެރަލް ހުސަމް ޝަހްވާން ކަމަށެވެ.

އެ ބޭފުޅުން ޝަހީދުކޮށްލުމާ ގުޅިގެން އެކަން ކުށްވެރިކޮށް ގާޒާގެ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ބޭފުޅުންނަށް ސަހްޔޫނީން ހަމަލާ ދިނީ ގައުމީ ހިދުމަތާއި އިންސާނީ އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތްތަކުގައި އުޅުއްވަނިކޮށް ކަމަށެވެ.

ސަލާހަކީ 30 އަހަރު ޕޮލިހުގައި ހިދުމަތް ކޮށްފައިވާ އަދި މީގެ 6 އަހަރު ކުރިން ފުލުހުންގެ ވެރިޔާގެ މަގާމަށް އައްޔަންކުރެވުނު ފަރާތެއްކަން ހަމާސްއިން ފާހަގަކުރި އެވެ.

ގާޒާ ހަނގުރާމަ ހުއްޓާ ނުލެވި ނިމިގެންދާ ކޮންމެ ދުވަހަކީ ގާޒާގައި އެތައް ބަޔަކު ޝަހީދުވާ ދުވަހެކެވެ. މި ހަނގުރާމަ މިދިޔަ އަހަރު އޮކްޓޯބަރު ހަތެއްގައި ފަށައިގަތް ފަހުން 55،100 އަށް ވުރެ ގިނަ ފަލަސްތީން މީހުން ޝަހީދުކޮށްފައިވާ އިރު، މިހާތަނަށް ހަމާސް ޖަމާއަތުގެ ވަރަށް އިސް ލީޑަރުންތަކެއް ވެސް ވަނީ ޝަހީދުކޮށްލާފައިވެ އެވެ.

ގެދޮރު ގެއްލި، ދިރިއުޅުން ހަލާކުވެ، އާންމުންގެ އެތައް ބަޔަކު މަރުވަމުންދާއިރު ބޭސްފަރުވާގެ އެހީތެރިކަމުންވެސް ވަނީ މަރުހޫމުވެފަ އެވެ. ފަލަސްތީނުގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުގެ އަޑުވެސް ވަނީ ކަނޑުވާލާފަ އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަހްޔޫނީން ގާޒާގެ ހޮސްޕިޓަލްތަކަށާއި އެ ތަންތަނުގެ ކައިރީގައި ދޭ ނުރައްކާތެރި ހަމަލާތަކާއި އެ ކަންކަމާ ގުޅިފައިވާ އަމަލުތަކުގެ ސަބަބުން ސިއްހީ ނިޒާމު އެއްކޮށް ހުއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

ގާޒާގެ ރައްޔިތުންނަށް އިސްރާއީލު ދެމުން ގެންދާ ޓެރަރިސްޓް ހަމަލާތަކާއި ގާޒާގެ އާންމުންގެ ނަސްލު ނައްތާލުމަށް ސަހްޔޫނީން ހިންގާ ގަތުލުއާންމުތަކުގެ ފަހަތުގައި ތިބެ ސަހްޔޫނީނަށް ވާގިވެރިވަނީ އެމެރިކާއާއި އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުފަދަ ހުޅަނގުގެ ނުރައްކާތެރި އިސްތިއުމާރީ ބާރުތަކެވެ.

މިއިން ކޮންމެ ގައުމަކީވެސް މިލިޔަނުން އިންސާނުން ގަސްތުގައި މަރާފައިވާ ކަމުގެ ރެކޯޑް އޮތް ގައުމުތަކެވެ. މުސްލިމުންގެ ދުޝްމަނުން ނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved