މަތި ބަރު ސަރުކާރެއް އެކުލަވާނުލައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި މިއަދާ ހަމައަށް 258 އަށް ވުރެ ގިނަ މީހުން ތިބިކަން ރައީސް އޮފީހުގައި ވެބްސައިޓުގައިވާ މައުލޫމާތުން ހާމަވެއްޖެއެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީގެ ކުރިން ބޭފުޅުން އައްޔަން ކުރުމަށް ފަހު ރައީސް އޮފީހުގެ ވެބްސައިޓުގައި އެ ބޭފުޅުންގެ ނަންްތަކާއި އެޑްރެސް އަދި އައްޔަނުކުރި މިނިސްޓްރީ އެގޭނެހެން ހާމަކުރަމުންދިޔަ އެވެ. އެހެންނަމަވެސް ފަހުން ފަހުން އައިސް އެފަދަ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވެ އެވެ.
ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް އެ ސުވާލު އަމާޒުކުރުމުން ފަހުން ހިއްސާކުރާނެ ކަމަށް ވިދާޅުވެ މަގާމުތަކުގެ އަދަދާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވެއެވެ.
މި ސަރުކާރުގައި 95 ސްޓޭޓް މިނިސްޓަރުން އަދި 163 ޑެޕިއުޓީ މިނިސްޓަރުން އެބަތިއްބެވެ. އެ ބޭފުޅުންގެ މުސާރައަށް ދައުލަތުގެ ބަޖެޓުން ހޭދަވާނެ މިންވަރު ވެސް މަދެއް ނޫނެވެ. މީގެ އިތުރުން ވަޒީރުން ނުހިމަނައި ވަޒީރުންގެ ފެންވަރުގައި 23 ބޭފުޅުން އެބަތިއްބެވެ.
95 ސްޓޭޓް މިނިސްޓަރުން
މުސާރަ - 47,000ރ. (ސާޅީސް ހަތްހާސް ރުފިޔާ)
މަހެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 4,465,000ރ. (ހަތަރު މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ފަސް ހާސް ރުފިޔާ)
އަހަރެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 53,580,000 (ފަންސާސް ތިން މިލިއަން ފަސް ލައްކަ އައްޑިހަ ހާސް ރުފިޔާ)
ސްޓޭޓް މިނިސްޓަރުންގެ ތެރޭގައި ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމާއި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ވެސް ހިމަނާފައިވާނެ އެެވެ. ގައުމީ ޔުނިވާސިޓީއަށް ޗާންސެލަރު އައްޔަނުކޮށްފައި ވަނީ މިނިސްޓަރުންގެ ފެންވަރުގައިން ކަންވެސް ފާހަކޮށްލެވެއެވެ.
163 ޑެޕިއުޓީ މިނިސްޓަރުން
މުސާރަ - 35,000ރ. (ތިރީސް ފަސްހާސް ރުފިޔާ)
މަހެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 5,705,000ރ (ފަސް މިލިއަން ހަތް ލައްކަ ފަސް ހާސް ރުފިޔާ)
އަހަރެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 68,460,000ރ. (ފަސްދޮޅަސް އަށް މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ހާސް ރުފިޔާ)
އެންމެ ގިނަ ސްޓޭޓް މިނިސްޓަރުން ތިއްބެވީ ލޯކަލް ގަވަމެންޓް މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީގައި 8 ސްޓޭޓް މިނިސްޓަރު އެބަ ތިއްބެވި އެވެ. އެންމެ ގިނަ ޑެޕިއުޓީ މިނިސްޓަރުން ތިއްބެވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 15 ބޭފުޅުން އެބަތިއްބެވެ.
ރައީސް މުއިއްޒުގެ ކެބިނެޓުގައި އެމަނިކުފާނައި ނައިބު ރައީސް ނުހިމަނައި 22 މިނިސްޓަރުން ތިއްބަވާއިރު މިހާތަނަށް މިނިސްޓަރުންގެ ފެންވަރުގައި އެމަނިކުފާނު ވަނީ 23 ބޭފުޅުން އައްޔަނުކުރައްވައިފަ އެވެ. އޭގެ ތެރެއިން މުސާރަ ނުލިބޭ ގޮތަށް ތިބެނީ ރައީސަށް ވިޔަފާރި އާއި ޓޫރިޒަމްގެ ދާއިރާއިން ލަފާ ދެއްވުމަށް އައްޔަނުކުރި ދެ އެޑްވައިޒަރުންނެވެ.
މިނިސްޓަރުން ފެންވަރުގެ ބޭފުޅުންނަށް މުސާރަ އާއި އިނާޔަތްތަކާ އެއްކޮށް 66,000ރ. ލިބިވަޑައިގަންނަވައެވެ. އެހެންކަމުން އެ ބޭފުޅުންގެ މުސާރައަށް މަހެއްގެ މައްޗަށް 2,838,000ރ. ހޭދަވާއިރު އަހަރެއްގެ މައްޗަށް 34,056,000ރ. އެ ބޭފުޅުންގެ މުސާރައަށް ހޭދަވާނެ އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނާ 303 ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުންނަށް މުސާރަ ދިނުމަށް މަހަކު 13,008,000ރ. (ތޭރަ މިލިއަން އަށް ހާސް ރުފިޔާ) ހޭދަކުރާނެ އެވެ. އެ މީހުންނަށް މުސާރަ ދިނުމަށް އަހަރެއްގެ މައްޗަށް 156,096,000ރ. (ސަތޭކަ ފަންސާސް ހަ މިލިއަން ނުވަދިހަ ހަ ހާސް ރުފިޔާ) ދައުލަތުގެ ބަޖެޓުން ހޭދަކުރާނެ އެވެ.
ރައީސް މުއިއްޒުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި މި 303 ބޭފުޅުންގެ މުސާރައަށް 780,480,000ރ. (ހަތް ސަތޭކަ އައްޑިހަ މިލިއަން ހަތަރު ލައްކަ އައްޑިހަ ހާސް ރުފިޔާ) ހޭދަވާނެ އެވެ.
މި މަގާމުތަކުގެ އިތުރުން ސަރުކާރުން ވަނީ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަދި ޕޮލިޓިކަލް ޑިރެކްޓަރުގެ ނަމުގައި ވެސް މަގާމުތަކެއް އުފައްދާފަ އެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ސަރުކާރުގެ ވުޒާރާތަކާއި ރައީސް އޮފީހާއި ރައީސްގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅު ހިމެނޭހެން ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރުނުކުރާނެ ކަމުގެ ވައުދާ އެކު އެވެ. އޭގެ ތެރޭގައި އެ ތަންތަނުގައި މަސައްކަތް ކުރައްވާ އިދާރީ މުވައްޒަފުން ވެސް ހިމެނޭނެ ކަމަށް އޭރު ޑރ މުއިއްޒު ވަނީ ބުނެފަ އެވެ.
އެ އަދަދު މިހާރު ފަހަނައަޅައި ގޮސްފައިވާ ކަމަށް އިދިކޮޅުން ބުނި ނަމަވެސް ސަރުކާރުން ބުނަމުން ދަނީ އެދަދު ހަމަވާން އަދި ގާތް ވެސް ނުވާ ކަމަށެވެ. މި އަދަދުތަކުން ހާމަވާ ގޮތުގައި މި ސަރުކާރަކީ "މަތި ބަރު" ސަރުކާރެކެވެ.