މިނިވަންކުރަން ސަހްޔޫނީން ހުށަހަޅާފައިވާ ރަހީނުންގެ ލިސްޓަށް ހަމާސްއިން ރުހުން ދީފައިވާ ކަމަށް ހަމާސްގެ އޮފިޝަލަކު ބުނެފި އެވެ.
ހަމާސް އިން ސަހްޔޫނީނާއި އެކު ހަދަން މަސައްކަތްކުރާ އެއްބަސްވުމުގެ "ފުރަތަމަ މަރުހަލާގައި" 34 ރަހީނަކު މިނިވަން ކުރަން އެ ޖަމާއަތުން ތައްޔާރަށް އޮތް ކަމަށް ހަމާސްގެ އޮފިޝަލަންނާއި ހަވާލާދީ މީޑިއާތަކުން އަންނަނީ ރިޕޯޓް ކުރަމުން ނެވެ.
ހަމަލާތައް ހުއްޓުވަން ގަތަރާއި މިސްރު އަދި އެމެރިކާ އިން ހުޅަހެޅި ހުށަހެޅުންތަކެއް އަދިވެސް އޮތީ ގޮތެއް ނިންމޭ ހިސާބުގައެއް ނޫނެވެ. މިހެން ކަން އޮތުމުން ހަމަލާތައް ހުއްޓުވޭނެ ދުވަހެއް ބުނާކަށް އެކަކަށް ވެސް ނޭނގެ އެވެ.
މިނިވަން ކުރާނެ އަސީރުންގެ ލިސްޓް ފައިނަލްކުރި ނަމަވެސް ރަހީނުން މިނިވަންކުރާނީ އިސްރާއީލު ސިފައިން ގާޒާއިން ފައިބައި ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމާ ގުޅޭ އެއްބަސްވުމަކަށް އައުމުން ކަމަށް އޮފިޝަލް ވަނީ ބުނެފަ އެވެ.
ސަހްޔޫނީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ މިނިވަންކުރާނެ ރަހީނުންގެ ލިސްޓެއް ހަމާސްގެ ފަރާތުން އަދި ނުލިބޭ ކަމަށެވެ.
ސަހްޔޫނީންގެ ހަމަލާތަކަށް މިހާރު 15 މަސް ދުވަސް ވެފައި ވާއިރު މި މުއްދަތުގެ ތެރޭގައި ހަމަލާތައް މެދުކަނޑާލީ އެންމެ ފަހަރަކު އެވެ. އެއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެއް ހަފުތާއަށެވެ. އެފަހަރު ސަހްޔޫނީންގެ ޖަލުތަކުން ފަލަސްތީނުގެ 240 މީހުންނާ އެކު އިޒްރޭލުގެ 80 ރަހީނަކު ވަނީ މިނިވަންކޮށްފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ސަހްޔޫނީން ގާޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 45658 މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 108583 އަށް ވަނީ އުފުލިފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ގާޒާގެ ރައްޔިތުންނަށް ސަހްޔޫނީންގެ ދެމުން ގެންދާ ޓެރަރިސްޓް ހަމަލާތަކާއި ގާޒާގެ އާންމުންގެ ނަސްލު ނައްތާލުމަށް ސަހްޔޫނީން ހިންގާ ގަތުލުއާންމުތަކުގެ ފަހަތުގައި ތިބެ ސަހްޔޫނީނަށް ވާގިވެރިވަނީ އެމެރިކާއާއި އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުފަދަ ހުޅަނގުގެ ނުރައްކާތެރި އިސްތިއުމާރީ ބާރުތަކެވެ.
މިއިން ކޮންމެ ގައުމަކީވެސް މިލިޔަނުން އިންސާނުން ގަސްތުގައި މަރާފައިވާ ކަމުގެ ރެކޯޑް އޮތް ގައުމުތަކެވެ. މުސްލިމުންގެ ދުޝްމަނުން ނެވެ.