ފުރިހަމަ މިނިވަންކަން ނުދެވެނީ ކާކަށް ދަތިވާތީތޯ އައްސަވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރާ ސުވާލެއް އަމާޒުކުރައްވައިފިއެވެ.
ރައީސް ޔާމީން މިފަދައިން ސުވާލު އަމާޒު ކުރައްވާފައިވަނީ އަންގާރަ ދުވަހު ރައީސް ޔާމިން އަލަށް އުފައްދަވާ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ތައާރަފް ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިންވެސް އެމަނިކުފާނު ޖަލުގައި ބަހައްޓަން ބޭނުން ނުވާނެ ކަމަށާއި އެމަނިކުފާނު މިނިވަން ކުރަން މިއަދުގެ ސަރުކާރަށް ދަތިވެގެން އުޅެނީ ކޮންކަމާ ގުޅިގެންތޯ ސުވާލު ކުރައްވާފައެވެ.
އެހެންވީމާ ކޮން ބަޔަކަށްހޭ މިހާރު އަޅުގަނޑަށް މި ދެންނެވި ފުރިހަމަ މިނިވަންކަން, އަޅުގަނޑާއި އަޅުގަނޑުގެ ވޯޓަރުންނާ ވާހަކަ ދެއްކުމުގެ މިނިވަންކަން ނުދޭން, މި ދަތިވެގެން އުޅެނީ ކޮން ބަޔަކަށްތޯ
މިސަރުކާރަކީ އެމަނިކުފާނުގެ ސަޕޯޓަރުން ވެސް ހިމެނޭހެން ގެނައި އެމަނިކުފާނުގެ ފިކުރުގެ ތާއިދާއެކު ވެރިކަމަށް އައި ސަރުކާރެއް ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ ޕްރޮމޯޓް ކޮށްގެން ވެރިކަމަށް އައި ސަރުކާރަކަށް މި ސަރުކާރު ވީ އިރު ރައީސް ޔާމީން މިނިވަން ކުރެއްވުމަށް މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާތީ ގިނަ ބަޔަކު ދަނީ ނުހުރުން ފާޅު ކުރަމުންނެވެ.