ބުރާސްފަތި ދުވަހު ސަހްޔޫނީން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 13 މީހަކު މަރުވެފައިވާކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާ ޑޮކްޓަރުން ހާމަކޮށްފި އެވެ.
ތުރުކީގެ އަނަޑޮލޫ އޭޖެންސީ އޭއޭ އިން ރިޕޯޓު ކުރާ ގޮތުގައި ސަހްޔޫނީންގެ ހަނގުރާމަ މަތިންދާބޯޓުތައް ޣައްޒާގެ އުތުރުގެ ޖަބަލިއާ ނަޒްލާ ސަރަހައްދުގައި ހުރި ގެއަކަށް ހަމަލާދީ 8 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
ގާޒާގެ މެދުތެރޭގައި އޮންނަ ނޫސެއިރާތު ރެފިއުޖީ ކޭމްޕްގެ ގެއަކަށް އަމާޒުކޮށްގެން ދިން ހަމަލާއެއްގައި ބައްޕައަކާއި އޭނާގެ ތިން ފިރިހެން ދަރިން ވެސް ނިޔާވެފައިވާކަމަށް އެހެން މަސްދަރަކުން އިތުރަށް ބުނެފައިވެއެވެ.
އިތުރު މީހަކު ނިޔާވެފައިވަނީ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ޑެއިރް އަލްބާލާގައި ސަހްޔޫނީން ދިން ހަމަލާއެއްގައި ލިބުނު ޒަހަމްތަކެއްގެ ސަބަބުން ކަމަށް ވެސް އެ މަސްދަރު އިތުރަށް ބުނެފައިވެއެވެ.
ނޫސެއިރާތުގައި ގެދޮރު ގެއްލިފައިވާ އާންމުން ހިޔާކޮށްގެން ތިބި ސްކޫލެއްގެ ތެރޭގައި ހުރި ޓެންޓަކަށް ސަހްޔޫނީން ޑްރޯން ހަމަލާއެއް ދިން ކަމަށް ރިޕޯޓް ކުރި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ޣައްޒާގެ ދެކުނުގައި އޮންނަ އިރުމަތީ ޚާން ޔޫނިސް އާއި ރަފާހުގެ ހުޅަނގު އަލް މަވާސީ ސަރަހައްދުގައި އާޓިލަރީ ބޮން ގޮއްވާލި ނަމަވެސް އަދި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.
ނޮވެމްބަރު 2024 ގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ ސަހްޔޫނީނއގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައެވެ. އަދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ވެސް ނަސްލު ނައްތާލުމުގެ މައްސަލައެއްވެސްވަނީ ލާފައެވެ.