ދެކުނު ހުޅަނގު އެމެރިކާގެ ލޮސް އެންޖެލެސް ގައި ފެތުރެމުންދާ ބޮޑު އަލިފާނުގެ ކާރިސާ އިން ސަލާމަތް ވުމަށް އެތައް ހާސް މީހުން އެ ސަރަހައްދު ދޫކޮށްދާން މަޖުބޫރުވިއިރު، އަދިވެސް ހާލަތު އިތުރަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ދީފި އެވެ.
އެމެރިކާ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ބުނި ގޮތުގައި ލޮސް އެންޖެލެސްގެ ޖަންގަލިތަކުގެ އެކި ސަރަހައްދުތަކުގައި ހަތަރު އަލިފާންގަނޑެއް، މިހާރު ވެސް ކޮންޓްރޯލް ނުވެ އަނދަމުން އެބަ ދެ އެވެ.
އެ އަލިފާންގަނޑުތައް މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ފެތުރިފައި ވާއިރު އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ކަމަށް ރިޕޯޓްކޮށްފައި ވަނީ ލޮސްއެންޖަލިސް އިންނެވެ. އެ ޝަހަރުން 150،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން ޖެހިފައި ވާއިރު އޭގެ ތެރޭގައި ހޮލީވުޑް ސެލެބްރިޓީން ވެސް ހިމެނެ އެވެ.
ގަދަ ވަޔާ އެކު ފެތުރި އަނދަމުންދާ އަލިފާންގަނޑުތަކުގެ ސަބަބުން 2،000 އަށްވުރެ ގިނަ އިމާރާތް ވަނީ އަޅިއަށް ވެފަ އެވެ. އޭގެ ތެރޭގައި ގިނައީ އެތައް މިލިއަން ޑޮލަރެއްގެ ގެތަކެކެވެ.
އެމެރިކާގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީގެ ވަށައިގެން ރޯވެ އަނދަމުން ދާއިރު އެތަނުގެ އާންމުން ތިބީ ހަދާނެ ގޮތް ހުސްވެ ބިރުވެރިކަމުގެ ތެރޭގަ އެވެ. ބުދަ ދުވަހުގެ ހަވީރު ހޮލީވުޑް ހިލްސްގައި ސަންސެޓް އަލިފާންގަނޑު ފެތުރިގެން ދިޔައިރު، ގަޑިއެއްހާއިރު ވެސް ނުވަނީސް ގާތްގަނޑަކަށް 43 އަކަމީޓަރަށް ވަނީ ފެތުރިފަ އެވެ.
މިއީ އެމެރިކާގެ ތާރީހުގައި ވެސް އެންމެ ގެއްލުން ބޮޑު އެއް އަލިފާނުގެ ހާދިސާ ކަމަށާއި އަލިފާން ރޯވެ ގެއްލުންވި މުދަލުގެ އަގު ބޮޑުވުމުން އިންޝުއަރެންސަށް އަށް ބިލިއަން ޑޮލަރު (6.5 ބިލިއަން ޕައުންޑް) އަށް ވުރެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށް އިންޝުއަރެންސް ކުންފުނިތަކުން ބުނެއެވެ.
އެމެރިކާގެ އިދާރާތަކުން ބުނާ ގޮތުގައި މިހާރު އަނދަމުންދާ އަލިފާންގަނޑުތަކަކީ މީގެ ކުރިން ދުވަހަކު ވެސް ރޯނުވާހާ ވަރުގަދަ އަލިފާންގަނޑުތަކެވެ. އަދި އެއިން އެއްވެސް އަލިފާންގަނޑެއްގެ އެންމެ ޕަސެންޓެއް ވެސް މިހައިތަނަށް ކޮންޓްރޯލްކުރެވިފައެއް ނުވެ އެވެ.
ލޮސްއެންޖަލިސްގެ މޭޔަރު ކަރެން ބާސް، މީޑިއާތަކަށް ވިދާޅުވެފައިވާ ގޮތުގައި އަލިފާންގަނޑުތައް ވަރުގަދަވީ ހަނަފަސްކަން ބޮޑުވެފައި ވުމާ އެކު ވައިޖެހޭލެއް ގަދަކަމުންނެވެ.
އަލިފާނުގެ ނުރައްކާ އޮތް ސަރަހައްދުތަކުން އެތައް ހާސް ރައްޔިތުން ސަލާމަތްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ރައްކާތެރިކަމުގެ ގޮތުން ސްކޫލްތައްވެސް ވަނީ ބަންދުކޮށްފަ އެވެ. މީގެ އިތުރުން ހޮލީވުޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައެއް އިވެންޓްތައްވެސް މި ހާދިސާއާއި ގުޅިގެން މިހާރު ވަނީ ކެންސަލްކޮށްފަ އެވެ