ލުބުނާންގެ ގާނޫނު ހަދާ މަޖިލިހުން ބުރާސްފަތި ދުވަހު އެ ގައުމުގެ ރައީސް ކަމަށް އާމީ ޗީފް ޖޯސެފް އައޫން އިންތިހާބު ކޮށްފި އެވެ.
އުމުރުން 60 އަހަރުގެ އައޫނަކީ 2017ވަނަ އަހަރުން ފެށިގެން ލުބްނާނުގެ އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާއެވެ. އޭނަގެ މޭސްތިރިކަމުގެ ދަށުން ލުބްނާނުގެ އަސްކަރިއްޔާއަށް އެމެރިކާގެ ފަރާތުން ގިނަ އެހީތަކެއް ލިބެ އެވެ. އެއީ ލުބްނާނުގެ މުޖާހިދުންގެ ޖަމާއަތް, ހިޒްބުاللهގެ ބާރު ކުޑަ ކުރުމަށް އެމެރިކާއިން ގެންގުޅޭ ސިޔާސަތެއްގެ ދަށުންނެެވެ.
ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނަބީހް ބެރީ ވިދާޅުވި ގޮތުގައި، އައޫން އަށް ފުރަތަމަ ބުރުގައި ބޭނުންވާ 86 ވޯޓު ނުލިބުނު ނަމަވެސް، ހިޒްބުﷲ އާއި އެ ޖަމާއަތުގެ ޝިޔާ އެކުވެރިން ކަމުގައިވާ އަމަލް މޫވްމަންޓުގެ މެންބަރުން އޭނާއަށް ތާއީދުކުރުމާއެކު، ދެވަނަ ބުރުގައި 99 ވޯޓާއެކު އިންތިޚާބު ވުމަށް ބޭނުންވާ އަދަދު ހުރަސް ކުރި އެވެ.
އައޫން އިންތިހާބު ވުމަކީ ކުރިން ހުންނެވި ރައީސްގެ ދައުރު ހަމަވުމަށް ފަހު ފާއިތުވެ ދިޔަ ދިގު މުއްދަތުގައި ދައުލަތުގެ އިސްވެރިޔަކު ނެތި އަދި ފުރިހަމަ ބާރު ލިބިގެންވާ ކެބިނެޓެއް ނެތި އޮތް ލުބުނާނުގައި ސަރުކާރުގެ މުއައްސަސާތައް އަލުން ދިރުވުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ.
ރައީސްކަމާ ހަވާލުވެވަޑައިގެން ގާނޫންހަދާ މަޖިލީހުގައި އައޫން ވިދާޅުވީ، ލުބްނާން އަލުން އާބާދުކޮށް ތަރައްގީކުރުމަށް ސިޔާސީ ލީޑަރުންގެ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. ސަރުކާރެއް އެކުލަވާލި ނަމަވެސް، ކުރިއަށް ދާން އޮތް ގޮތް އޮޅުންފިލުވުމުގައި އިދިކޮޅު ސިޔާސީ ލީޑަރުންގެ އެހީތެރިކަމަށް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
2019ވަނަ އަަހަރު ލުބްނާނަށް ދިމާވި އިގުތިސާދީ ކާރިސާއަށް ފަހު ހަނގުރާމައިގައި ގައުމަށް ލިބުނު ގެއްލުމުން އަރައިގަނެ ގައުމު އަލުން އާރާސްތުކުރުމަށް އަދިވެސް ވަނީ ބައިނަލްއަގުވާމީ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުން ޖެހިފަ އެވެ. ލުބްނާން އަލުން އާބާދުކުރުމުގައި ސައޫދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ސީރިއާގެ އެއްބާރުލުން ހޯއްދަވާނެ ކަމަށް އާ ރައީސް ވިދާޅުވި އެވެ.