ވަގު ފޯމުތަކުގެ ސިލްސިލާއެއް، އީސީއަށް ޒިންމާ އެބަ އުފުލޭބާ؟ / ތޭރަގްރެފިކްސް
ރިޕޯޓު
ވަގު ފޯމުތަކުގެ ސިލްސިލާއެއް، އީސީއަށް ޒިންމާ އެބަ އުފުލޭބާ؟
Mariyam Isaadha
މަރިޔަމް އިސާދާ
14 ޖެނުއަރީ 2025
މާލެ ސިޓީ

މިފަހަކަށް އައިސް އެންމެ ބޮޑަށް ގަދަވެފައިވާ އެއް އަޑަކީ ވެރިކަން ކުރާ ޕާޓީއަށް "ވަގަށް" ގިނަ ބަޔަކު ވައްދާކަމުގެ އަޑެވެ. އެ ރައްޔިތުންނަށް ނޭނގި ގެންގޮސް އެމީހުން ޕާޓީއަށް ވައްދާ އެ ޕާޓީއަށް އެ ރައްޔިތުންގެ ނަމުގައި ފައިސާ ނަގާ ގެންދަނީ އެ ފައިސާ ވެރިން ބޭނުންކުރަމުންވެސް މެެވެ.

ރައްޔިތުންގެ ޒާތީ މައުލޫމާތު ވައްކަންކޮށް "ވަގު" ފޯމު ހުށަހަޅާފައިވާނެ ކަމަށް ޕީއެންސީއިން އިއުތިރާފުވެފައިވާއިރު، ޕާޓީއިން އެކަން ޖާމިނުކުރީ އިލެކްޝަން ކޮމިޝަނާއެވެ. އެއް ގޮތުން އެއީ ދޮގެއްވެސް ނޫނެވެ. އެހެނީ ފޯމުތައް އިލެކްޝަނަށް ފޮނުވުމުން އެކަން ޔަގީންކޮށް ފޯމުގެ ސައްހަކަން ކަށާވަރުކުރުމަކީ އީސީގެ ޒިންމާއެކެވެ. އޭނގައި ކޮށްފައިވާ ސޮޔާ އިނގިލީގެ ނިޝާން ދިމާވޭތޯވެސް ބަލަން ޖެހެއެވެ. ނަމަވެސް ވަގު ފޯމުތަކުގެ ގިނަ ފޯމުތަކުގައި ސޮއި ހުރީ ފޯޖުކޮށް ިނގިލީގެ ނިޝާން އޮޅުވާލާފައެވެ.

މި ފޯމުތަކުގައި ޑިއެންއާރުގެ ވެރިޔާއާ މަޖިލީހުގެ ޕީއެންސީ މެމްބަރުންނާ އަދި ސަރުކާރުގެ ޕލިޓިކަލް ޑިރެކްޓަރުންވެސް ހެކިންގެ ގޮތުގައި ސޮއިކޮށްފައި އެބަހުއްޓެވެ. ޔަގީނުންވެސް މިއީ އިއްްތިފާގަކަށް ނުވާނެއެވެ. ތިމާ އެކަމެއްގައި ހެކި ބަސް ދޭންވާނީ ތިމާއަށް އެނގިހުރި ކަމަކަށް ވާން ޖެހޭއިރު މީހުންނަށް ވަގަށް އެމީހުން ސިޔާސީ ޕާޓީއަށް ވައްދަން ހެކިންގެ ގޮތުގައި ސޮއިކުރުމަކީ ދޮގު ހެކިބަސް ދިނުމެވެ.

ދެން އޮތް ވާހަކައަކީ ސިޔާސީއަށް ޕާޓީއަށް މީހަކު ވައްދަން ފޯމެއް ފުރާއިރަށް ވަގުތުން ޕާޓީ ބަދަލެއް ނުވެއެވެ. ވަގު ފޯމުތަކެއްގެ މައްސަލަ މި ރާއްޖޭގައި ޖެހުނީއަކީ އަލަކަށް ވެސް ނޫނެވެ. ކުރިން ވެސް މި ކަންތައްގަނޑު ބޮޑުވެގެން އިލެކްޝަންސް ކޮމިޝަން (އީސީ)ން އޮތީ ފިޔަވަޅުތަކެއް އަޅައިފައެވެ. މިހާރު ފޯމެއް ލިބޭއިރަށް އެ މީހެއްގެ ފޯނަށް މެސެޖު އަންނާނެއެވެ. އެއީ، ސައްހަ ނޫން ފޯމެއް ނޫން ނަމަ، އޮންލައިންކޮށް ރިޕޯޓު ކުރެވޭނެއެވެ. ނަމަވެސް މިހާރު ވަގުން ވައްކަން ކުރަނީ ނުހަނު ޕްރޮފެޝަނަލް ކަމާ އެކުއެވެ.

މިހާރު އެކަމަށް ބޭނުންކުރާ އުކުޅަކީ ފޯމުގައި ޖަހާ ފޯނު ނަންބަރެވެ. އެ ފޯނު ނަންބަރަކީ މެންބަރަކަށް ވުމަށް އެދޭ މީހާއާ އެއްވެސް ގުޅުމެއް ހުރި ނަންބަރަކަށް ނުވެ އެވެ. އެހެންވީމާ، އެ މީހާގެ ނަމުގައި ފޯމެއް ހުށަހަޅައިފިކަން އެމީހާއަށް ރެޔަކާލާއިރު ވާނޭ ހަތަރެއްޗެއް އޮންނަނީ ވެ ނިމިފައެވެ.

އެހެންކަމުން އެއީ އަދި ފުދޭ ވަރު ނޫންކަން ސާބިތުކޮށްދީފިއެވެ. ސުވާލަކީ ވަގަށް އެ ގޮތަށް ނޭނގި ވައްދާފައި ކިތައް މީހުން އެބަތިބި ހެއްޔެވެ؟ އަދިވެސް ނޭނގި ވެސް ތިބޭނެއެވެ.

މީގެ އިތުރުން ޕާޓީއަށް މޮޅު ގޮތް ހޯދައިދޭނަމޭ ހިތައި ކުރިއަސް ހަގީގަތުގައި އެކުރަނީ ޖިނާއީ ކުށެކެވެ. މިއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އެކަމުގެ އަދަބު ކަނޑައެޅިފައިވާ ކަމަކަށް ވުމުގެ އިތުރުން، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުންވެސް ކުށެކެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ސިޔާސީ ޕާޓީއެއްގެ މެންބަރުކަމަށް، ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރިފަރާތެއް ފަސްހާސް ރުފިޔާއާއި ދިހަހާސް ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ. އެއީ ގަވާއިދާ ހިލާފަށް ހުށަހެޅި ކޮންމެ ފޯމަކަށް ޖެހޭ އަދަދެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގައި އޮންނަނީ، ވަކި ލިޔުމަކީ ވަކި މީހަކު ހެދި އެއްޗެއް ކަމަށް ދެއްކުމަށްޓަކައި ނުވަތަ ވަކި އަސްލެއް އޮތް އެއްޗެއް ކަމަށް ސައްހަނޫން ގޮތުގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުމާއި، ނަކަލު ކުރުމަކީ ކުށެއް ކަމުގަ އެވެ. އެކުށަކީ ޖިނާޔާތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއްކަމަށް އެ މާއްދާގެ (ނ) ގައި ބުނެ އެވެ. އެހެންވީމާ އެކުށުގެ އަސާސީ އަދަބަކަށްވާނީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ. ސައްހަ ނޫން ގޮތުގައި ހުށަހެޅި ކޮންމެ ފޯމަކީ ވަކި ކުށެކެވެ.

އެހެންކަމުން ރައްޔިތުންނަށް ނޭނގި އެ ރައްޔިތުން ސިޔާސީ ޕާޓީއަށް ވެއްދި މައްސަލައިގައި އީސީއިން ޕީއެންސީއަށް ފިޔަވަޅު ނާޅައިގެން މިއުޅެނީ ކީއްވެބާއެވެ؟ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް މިނިވަން މުއައްސަސާތަކުގެ ބާރު ނަގަން މިއުޅެނީ މި ފަދަ ސަކަރާތް ޖަހާ ވައްކަން ކުރަންކަން ސާފުކޮށް ފެންނަން އޮތްއިރު އީސީއިން މިކަމާ ފިޔަވަޅު އަޅަން ޖެހެއެވެ. ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ތިބެ ރައްޔިތުންގެ ޒާތީ މައުލޫމާތުން ކުރާ ވައްކަމުގެ ޒިންމާ އީސީ އިން ވެސް ނޫނީ ނަގަން ޖެހޭނެއެވެ.

ލެކްޝަންސް ކޮމިޝަނަކީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ވާން އެބަޖެހެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved