ސަހްޔޫނީން ރާއްޖެއައުން މަނާކުރުމަށް ރައީސް ޑރ. މުއިއްޒުވެވަޑައިގެންނެވި ވައުދު "ސަހްޔޫނީންގެ ޕާސްޕޯޓް ރާއްޖެ މަނާ" ވައުދު ނުފުއްދި ފަލަސްތީނުގެ ގާޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށާއި ހަމާސްއިން ރަހީނުކޮށްފައިވާ ސަހްޔޫނީން މީހުން މިނިވަން ކުރަން ދެފަރާތުން އެއްބަސްވެއްޖެ އެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރުގައި ފެށުނު މި ހަނގުރާމާގައި މިހާތަނަށް 46،000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވެފަ އެވެ. މީގެ ތެރޭގައި 17،492 ކުޑަކުދިން ހިމެނެއެވެ. އަދި 109،660 މީހުންނަށް ޒަހަމްވެފައިވެ އެވެ.
މި އެއްބަސްވުމާމެދު ސަހްޔޫނީން އަދި ރަސްމީކޮށް ޖަވާބެއް ދީފައެއް ނުވެ އެވެ.
ނަމަވެސް ބުރާސްފަތި ދުވަހު ސަހްޔޫނީ ސަރުކާރުން މިކަމާމެދު ވޯޓެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށް އެމެރިކާގެ އިންތިހާބުވެފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހާމަކުރައްވާފަ އެވެ.
ގަތަރު މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި އެކުލަވާލި އެއްބަސްވުމުގައި، ހަމަލާތައް ހުއްޓާލުމުގެ އިތުރުން ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަން ކުރުން ވެސް ހިމެނެ އެވެ. އަދި ސަހްޔޫނީން ހައްޔަރުކޮށްފައިވާ ފަލަސްތީނު ރައްޔިތުން ވެސް މި އެއްބަސްވުމުގެ ދަށުން މިނިވަން ކުރަން ޖެހޭއިރު، ގާޒާއަށް އިންސާނީ އެހީ ވެސް ގިނަ އަދަދަކަށް ފޯރުކޮށްދޭންޖެހެ އެވެ.
މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ.
މީގެ ކުރިން ވެސް މިފަދަ އެއްބަސްވުންތައް ސަހްޔޫނީން ވަނީ އެކުލަވާލާފަ އެވެ. ނަމަވެސް ސަހްޔޫނީން އެ އެއްބަސްވުންތަކަށް ތަބާވެފައެއް ނުވެއެވެ.
ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކުރާތީ މުއިއްޒުގެ ސަރުކާރަށް ފާޑުކިޔުމާ ނުރުހުން އަމާޒުވެފައިވާއިރު، ސަހްޔޫނީންގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުން ހުށަހަޅާފައިވާ ބިލު އަވަހަށް ފާސް ކުރުމަށް ބާރު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ކުއްލި ގިނަ މައްސަލަވެސް ސަރުކާރުގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ބޭރު ކޮށްލާފަ އެވެ. އަދި ކޮމިޓީ މަރުހަލާގައި އެ ބިލު ތާށިކޮށްފައި އޮންނަތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ.